މިހާރު މަސައްކަތް ފަށާފައިވާ "އެނިމަލް"ގެ މަސައްކަތް ނިމި ފިލްމު ރިލީޒްވުމާއެކު ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް ދުރަށްޖެހިލަން އެކްޓަރު ރަންބީރު ކަޕޫރު ނިންމައިފިއެވެ.

ރަންބީރު ކަޕޫރު ފިލްމީ މަސައްކަތްތަކުން ބްރޭކެއް ނެގުމަށް ވިސްނާފައިވަނީ ދަރިފުޅު ރަހާއާއި އަންހެނުން އާލިއާ ބަޓްއާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކުރުމުގެ ބޭނުމުގައެވެ. ރަންބީރު ކަޕޫރު ފިލްމީ މަސައްކަތްތަކުން ދުވަސްކޮޅަކަށް ދުރަށްދާން ނިންމާފައިވާއިރު މަޝްހޫރު ފްރެންޗައިޒް ފިލްމު "ދޫމް"ގެ ހަތަރުވަނަބައި ކުޅެން އޭނާއަށް ހުށަހަޅާފައިވާކަމަށް މީގެކުރިން ޚަބަރު ފެތުރިފައިވެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ނޫސް 18އިން ސުވާލުކުރުމުން ރަންބީރުވަނީ މިޚަބަރު ދޮގުކޮށްފައެވެ. ރަންބީރު ބުނެފައިވަނީ މިވަގުތު އިތުރު އެއްވެސް ފިލްމެއްގައި ސޮއިކުރުމަށް ނިންމާފައި ނުވާކަމަށެވެ.

ރަންބީރު ކަޕޫރު މިހާތަނަށް ސޮއިކޮށް މަސައްކަތް ނުނިމޭ ދެ ފިލްމަކީ، ފިލްމު "އެނިމަލް"އާއި އަޔާން މުކަރްޖީގެ "ބްރައްމަސްތުރާ 2"އެވެ. ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ރަންބީރު ބުނެފައިވަނީ އަވަސް އަރުވާލައިގެން ފިލްމުތަކުގެ ސޮއިކުރުމުގެ ބޭނުމެއް މިހާރު ނެތްކަމަށެވެ. އޭގެ ބަދަލުގައި އެއް އަހަރު ވަންދެން ދަރިފުޅު ރަހާއާއެކު ވަގުތު ހޭދަކުރެވުނަސް އެއީ ދުނިޔެމަތީގައި ލިބޭނެ އެންމެބޮޑު އުފާކަމުގައި އެކްޓަރުވަނީ ބުނެފައެވެ. ޔަޝް ރާޖް ކުންފުނީގެ ކާމިޔާބު އެކްޝަން ފިލްމު "ދޫމް4"އިން ފުރުސަތު ލިބުނު ޚަބަރު ދޮގުކުރަމުން އެކްޓަރުބުނީ އެފިލްމުން ފުރުސަތު ލިބިއްޖެއްޔާ ކިތަންމެހާވެސް ރަނގަޅުކަމުގައެވެ. އެހެންނަމަވެސް އެކުންފުނިންވެސް އެފަދަ ވާހަކައެއް ރަންބީރުއާ ދައްކާފައިނުވާކަމަށް އެކްޓަރުވަނީ ބުނެފައެވެ.

މިއަދު ރިލީޒްކުރާ ފިލްމު "ތޫ ޖޫތީ މޭ މައްކާރު"އަކީ މަޝްހޫރު ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމެކެވެ. ރަންބީރު ވަރަށް ތަފާތު 'ލުކް'އެއްގައި ފެނިގެންދާ ފިލްމު "އެނިމަލް" ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ އޯގަސްޓު މަހުއެވެ.