18 Apr 2012, 13:11
އިންތިހާބެއްގައި ވާދަ ކުރިއަސް ސިވިލް ސްސާވިސް މުވައްޒިފުންނާއި ސިވިލްސާވިސް ކޮމިޝަންގެ މެންބަރުން ވަޒީފާ އިން ވަކި ނުކުރެވޭ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހަޅައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކޮށްފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު އެ އިސްލާހު ހުށަހަޅުއްވާފައި ވަނީ އިންތިހާބަކަށް ކުރިމަތިލައިފި ނަމަ ސިވިލްސާވިސް މުވައްޒިފުންނާއި ކޮމިޝަން މެންބަރުން ވަޒީފާ އިން ވަކިކުރަން ޖެހޭ ކަމަށް ސިވިލް ސާވިސް ގާނޫނުގައި ބުނާ، 16 ވަނަ މާއްދާގެ ހަތަރަކާއި 51 ވަނަ މާއްދަ އުވާލުމަށެވެ.
އެ ބިލުގައި ހަސަން ލަތީފް ވިދާޅުވެފައި ވަނީ 16 ވަނަ މާއްދާގެ ހަތަރެއް، ގާނޫނު އަސާސީގެ 187ވަނަ މާއްދާއާ ހިލާފުވައިވާ ކަމަށާއި 51 ވަނަ މާއްދާ ގަނޫނު އަސާސީގެ 26 ވަނަ މާއްދާ އާއި 30 ވަނަ މާއްދާއާ ހިލާފުވެފައިވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގަނޫނުގެ 16 ވަނަ މާއްދާގެ ހަތަރެއްގައި ބުނެފައި ވަނީ ގަނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ސިޔާސީ މަގާމަކަށް ކުރިމަތި ލައިފި ނަމަ ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 187 ވަނަ މާއްދާގައި ބުނަނީ ސިވިލްސާވިސް ކޮމިޝަންގެ މެންބަރުކަމުން ވަކި ކުރެވޭނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެމަގާމު އަދާ ކުރުމަށް އުޒުރުވެރިވާ ފަދަ ހާލަތެއް މެދުވެރި ވެއްޖެކަމަށް، ނުވަތަ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތްކަމަށް ފެނިއްޖެ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން އެ މެންބަރަކު އެ ކޮމިޝަނުން ވަކި ކުރުމަށް މަޖިލީހުގެ ޖަލްސާއަކުން ފަސްކުރުމުން ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އާއްމު އިންތިހާބެއްގައި ވާދަ ކުރުމަށް ގަސްތުކުރާ ދިވެހި ސިވިލްސާވިސްގެ މުވައްޒިފުން އެ އިންތިހާބެއް ބާއްވާ ތަރީހުގެ މީލާދީ ހަ މަސް ދުވަސް ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާ އިން އިސްތިއުފާ ދޭންވާނެ ކަމަށެވެ. އަދި މަގަމުން އިސްތިއުފާ ނުދީ އިންތިހާބަކަށް ކުރިމަތިލައިފި ނަމަ ވަޒީފާ އިން ވަކި ކުރެވޭނެ ކަމަށެވެ.
ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތި ލުމުގެ ހައްގާ ބެހޭ މާއްދާ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ށ) އިންތިހާބުތަކުގައި އެކިއެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު ލިބިދޭ ކަމަށެވެ. އަދި ގަނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބުނަނީ ސިޔާސީ ޕާޓީތައް އުފައްދައި ހިންގައި ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރި ވުމާއި ޖަމިއްޔަތަކާއި ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
އެ ދެ މާއްދާ އުނި ކުރުމުގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަންގެ މައިގަނޑޫ މަސައްކަތަކީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން މަސައްކަތް ކުރުން ކަމަށް ބުނެފައިވާ ސިވިލް ސަވިސްގެ ގާނޫނުގެ 18ވަނަ މާއްދާގެ (ހ)ގެ އިބާރާތް ބަދަލު ކުރުމަށް ވެސް ހަސަން ލަތީފުގެ ބިލުގައި ވަނީ ހުށަހަޅުއްވައިފަ އެވެ.
މި ބިލަށް ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވީ އެ އިސްލާހުތަކަކީ ގާނޫނަށް ގެންނަން މުހިއްމު އިސްލާހުތަކެއް ކަމަށެވެ. އަދި ގާނޫނުގައި މިހާރު އޮތް ގޮތުން ގާނޫނު އަސާސީ އިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ އިންތިހާބުތަކުގައި ވާދަ ކުރުމުގެ ހައްގު ނިގުޅައިގަނެވިފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.