ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސާބިއާގެ ރައީސް އަލެކްސާންޑަރް ވޫޗިޗްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު ކުރިޔަށްދާ އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

ރައީސް އޮފީހުން ބުނީ ދެ ރައީސުންގެ މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ރައީސް ޞާލިޙް އާއި ސާބިއާގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައި އެ އެއްބަސްވުންތަކާ އެކު ކުރިއަށް ދާން ޖެހޭ ކަން ފާހަގަކުރައްވާފައެވެ.

ދެ ބޭފުޅުން ވެސް މިއަދުގެ ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށާއި، ކްރޮސް ސެކްޓާ އެއްބާރުލުން އަލުން އައު ކުރުމަށް އުންމީދުކުރައްވާކަމުގައި ފާހަގަކުރައްވަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.