07 Mar 2023, 18:02
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި މި ވަގުތު ހުންނެވި ބޭފުޅެއް ވަކި ނުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް, ޕީއެންސީ ކޯލިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަތުމަށް ނިންމައިފިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ތައިރޮއިޑް އޮޕަރޭޝަނެއް ކުރައްވަން ހޭނައްތަވާލެއްވި ވަގުތުކޮޅަށް ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިދިޔަ އަހަރު ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ. އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ފައިސަލް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާފައެވެ.
އެ އޮޕަރޭޝަނަށް ހޭދަވި ތިން ގަޑިއިރަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ރައީސް ޞާލިޙް އަލުން ހަވާލުވެވަޑައިގެންނެވި ކަމަށާއި، އެކަން ކޮށްފައިވަނީ ގާނޫނުއަސާސީގެ 123 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެކަން ލިޔުމުން އެންގެވުމަށް ފަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އިދިކޮޅުން މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ވެއްދީ އަލުން މަސްއޫލިއްޔަތާ ހަވާލުވެޑައިގަތުމަކީ ގާނޫނާ ހިލާފު، ކުރެވޭނެ ކަމެއް ނޫން ކަމަށް ދެކިގެންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ވަނީ މި މައްސަލަ ބަލައިނުގަނެ، އެކަން މައްސަލަ ހުށަހެޅި ފަރާތަށް ވެސް އަންގާފައެވެ.
މިއީ ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިނުގަންނަން ނިންމި ދެވަނަ ފަހަރެވެ.
ޕީޕީއެމް ލީޑަޝިޕްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު ބުނީ ފައިސަލް ނަސީމް ކުރެއްވި ހުވަޔަކީ ގާނޫނު އަސާސީގައި ކުރައްވަން އޮތް ހުވަޔެއްތޯ ސާފުކުރުމުގެ ގޮތުން ގާނޫނު އަސާސީ މާނަކުރުމަށް އެދިފައިވާނެ ކަމަށެވެ.
އެގޮތުން މިކަމަކީ ގާނޫނީ ގޮތުން ބޮޑެތި ފުށުއެރުންތަކެއް ހުރި ކަމެއް ކަމަށާއި، މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު، ރައީސް ޞާލިޙްއަށް "ލަނޑެއް" ދިނުމުގެ ނިޔަތުގައި އުއްތަމަ ފަނޑިޔާރުގެ ބައިވެރިވުމާއެކު ކުރެއްވި ކަމެއް ކަމަށް ވެސް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އެ ދުވަހު ތުހުމަތު ކުރެއްވިއެވެ.
އިދިކޮޅުން ވަނީ ރައީސް ކަމުގެ މަގާމުގައި މި ވަގުތު ހުރީ ރައީސް ޞާލިޙް ކަމުގައި ގަބޫލުކުރަން ދެކޮޅު ހަދާފައެވެ. މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ގޮތުން ރައީސް ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅުން ޖަވާބު ނުދިނީވެސް އެ ސަބަބާ ހުރެ ކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.