އާގަލާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ އަދިވެސް ފެނިފައިނުވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ދެކުނުގެ ބައެއް ރަށްތަކާއި މާލެއާ ދެމެދު މުދާ އުފުލާ ބޯޓެއް ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އާގަލާގައި ބޯޓުގައި ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ އާދިއްތަ ދުވަހުގެ ރޭ 2:37 ހާއިރެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ އިންޖީން ރޫމުގައެވެ.

މި ހާދިސާ ހިނގިއިރު ފަސް ފަސިންޖަރުން ހިމެނޭހެން ބޯޓުގައި ތިބީ 15 މީހުން ވަނީ ވަގުތުން ކަނޑަށް ފުއްމާލާފައެވެ. ކަނޑަށް ފުއްމާލި 14 މީހަކު ސަލާމަތްކުރެވިފައިވާއިރު، މިހާތަނަށް ނުފެނިވަނީ ބޯޓުން ގެއްލުނު އިންޑިއާގެ ފަޅުވެރިޔެކެވެ.

ގެއްލުނު މީހާ ހޯދަން ކުރަމުންދާ މަސައްކަތުގެ އަދާހަމަ މައުލޫމާތު ދެމުން އެމްއެންޑީއެފުން މީޑީއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގެއްލިފައިވާ ފަޅުވެރިޔާ ފަޅުވެރިޔާ ހޯދަން ކަނޑާއި ވައިގެ މަގުން 332.35 އަކަމޭލުގެ ސަރަހައްދެއް އިއްޔެ ބަލާފައިވާ ކަމަށެވެ.

އެމްއެންޑީއެފް އިން އިތުރަށް ބުނީ އޭނާ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

މި ހާދިސާގައި ސަލާމަތް ކުރެވުނު 14 މީހުން، އިއްޔެ ގެންދިޔައީ މ. މުލީ ހޮސްޕިޓަލަށެވެ. އެފަހުން އެ މީހުންގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.