07 Mar 2023, 15:15
މާލެއިން ގެއްލިގެން ހޯދަމުންދިޔަތާ ދެ ހަފުތާ ވާން ގާތްވެފައި ވަނިކޮށް ފެނުނު ސ. މަރަދޫފޭދޫ ގަސްކަރަ، މުޙައްމަދު އާސިރު އިސްމާއީލް ހޯދުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓުގެ ކެމެރާތައް ހަރުކޮށްފައިވާ ގޮތުން ހުރި 'ބްލައިންޑް ސްޕޮޓްސް'ތައް ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) އަށް އެ މައްސަލައާ ގުޅޭ ތަފްސީލު ހޯދުމަށް ފުލުހުން ހާޒިރު ކޮށްފައިވެއެވެ. އެ ތަފްސީލުތައް ހިއްސާ ކުރައްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ އާސިރު ގެއްލިގެން ރިޕޯޓު ކުރުމާއެކު އޭނާގެ މައުލޫމާތުތައް އެއްކޮށް، އޭނާގެ ފޮޓޯ އަދި ފޯން ނަންބަރު އިންޓެލިޖެންސަށް ފޮނުވި ކަމަށެވެ.
އިންޓެލިޖެންސްގެ އެހީގައި އޭނާ އެންމެ ފަހުން ފޯނު ބޭނުން ކުރި ތަނާއި އެންމެ ފަހުން ވާހަކަދައްކާފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކުރި ކަމަށް ޝުޖާއު ވިދާޅުވިއެވެ. އާސިރު ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ ދިރިއުޅޭގެ ހ. އަލްޝާވިލާ ހިމެނޭ ސަރަހައްދުގައި ހަރުކޮށްފައިހުރި ސީސީޓީވީ ކެމެރާތައް ފުލުހުން ވަނީ ބަލާފައެވެ.
ޝުޖާއު ވިދާޅުވީ ފުލުހުން ބެލިބެލުމުން ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ 19:20ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރާ މަންޒަރު ފެނުނު ކަމަށެވެ. އަދި، އެ ޓެކްސީ ގޮސް އެއާޕޯޓް ޓާމިނަލްއަށް މަޑުކުރުމުން، އާސިރު ޓެކްސީން ފައިބައިގެން ގޮސް ޓާމިނަލަށް ވަންނަ މަންޒަރު ސީސީޓީވީ ފުޓޭޖްއަކުން ފެނުނު ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެ ފުޓޭޖް ފެނުމާއެކު އެ ޓެކްސީ ދެނެގަނެ، ޑްރައިވަރު ހޯދުމަށްފަހު ޓެކްސީ ޑްރައިވަރާ ވެސް ސުވާލު ކޮށްފައިވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ފުލުހުން ބުނީ އޭނާ އެއާޕޯޓަށް ވަންނަ މަންޒަރު ފެނުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ކެމެރާތަކާއި ޓީއެމްއޭގެ ކެމެރާތަކާއި އެއާޕޯޓު ފެރީ ހުންނަ ސަރަހައްދުގެ ކެމެރާތައް ހިމެނޭހެން 150 ގަޑިއިރަށް ވުރެ ގިނައިރުގެ ފުޓޭޖް ބެލި ކަމަށެވެ.
ޝުޖާއު ވިދާޅުވީ އޭނާ ހޯދުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓުގައި ހުރި ކެމެރާތައް ހަރުކޮށްފައިވާ ގޮތުން އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ނުފެނުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެއާޕޯޓުގައި ހުރި ކެމެރާތައް ހަރުކޮށްފައިހުރި ގޮތުން ވަރަށް ބައިވަރު ބްލައިންޑް ސްޕޮޓްސްތައް ހުރި. އެ ކެމެރާއިން އޭނާ އެންމެފަހުން ފެނުނުތަނުން ދެން އޭނާ ދިޔަ ތަނެއް އަޅުގަނޑުމެންނަކަށް ފެނިފައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އާސިރު ހޯދުމުގެ މަސައްކަތުގެ ތެރެއިން އޭނާ އެއްވެސް ރަށަކަށް ނުވަތަ ރާއްޖެއިން ބޭރަށް ގޮސްފައިވޭތޯ، އިމިގްރޭޝަންގެ އެހީގައި ފުލުހުން ވަނީ ބަލާފައެވެ. އަދި މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ވެސް ބަލާފައިވާނެ ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
ގެއްލުނުތާ 13 ދުވަސް ފަހުން އާސިރު ފެނުނީ އެއާޕޯޓުންނެވެ. ފުލުހުން ބުނީ އޭނާ އިންތަނަކީ އެއްވެސް ކެމެރާއަކުން ކަވަރު ކުރާ ތަނެއް ނޫން ކަމަށެވެ.
"އޭނާ އިންތަން ފެންނާނެ އެއްވެސް ކެމެރާއެއް ނެތް،" ޝުޖާއު ވިދާޅުވިއެވެ.
އާސިރު ފެނުނު ހިސާބުން އެ 13 ދުވަހު އޭނާ ހުރި ތަނެއް ހޯދުމުގެ މަސައްކަތް، ވިކްޓިމް ސަޕޯޓްގެ އޮފިސަރުންގެ އެހީތެރިކަމާ، އާއިލާގެ އެހީތެރިކަމާއެކު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާ އެއްވެސް ވަރަކަށް ވާހަކަ ދައްކާފައި ނުވުމާއެކު އެކަން ސާފުވާގޮތް ވެފައި ނުވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ފުލުހުން ބުނީ އޭނާގެ ސިއްހީ މައްސަލަތަކެއް ހުރުމާއެކު އޭޑީކޭގެ ކަމާގުޅޭ ކޮންސަލްޓަންޓަކަށް އާސިރު ދައްކާފައިވާނެ ކަމަށެވެ. އަދި މިވަގުތު އޭނާޔާ އެވާހަކަތައް ދެއްކުން ރަނގަޅު ނޫން ކަމަށް ކޮންސަލްޓަންޓް ވިދާޅުވި ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ފުލުހުން އަމަލު ކުރިގޮތުގެ ތަފްސީލު ހާމަކުރި ނަމަވެސް އާސިރުގެ ޒާތީ މައުލޫމާތު ހިމެނޭ ކަންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.