އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މެންބަރަކު ދައުލަތުގެ އެއްވެސް ފައިސާ އަކަށް ހިޔާނަތްތެރިވެފައި ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ފުއާދު މިހެން ވިދާޅުވެފައި މިވަނީ އިންތިހާބުތަކަށް އިލެކްޝަންސް ކޮމިޝަނުން ހަރަދުކޮށްފައިވާ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ ހަރަދު ކުރިގޮތުގެ ތަފްސީލެއް އޮޑިޓާ ޖެނަރަލްގެ އޮފީހަށް ހާމަކޮށްފައި ނެތުމުން، އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނާ މެދު ފިޔަވަޅު އެޅުމަށް މާލިއްޔަތު ކޮމެޓީގައި އިއްޔެ މަޝްވަރާ ކޮށްފައި ވަނިކޮށެވެ.

ފުއާދު ވިދާޅުވީ އެ ކޮމިޝަނުގެ މެންބަރުން ހިޔާނަތްތެރިވެފައި ނޯންނާނެ ކަމަށާއި އެކަން ސާބިތު ކޮށްދޭން ޖެހޭ ހިސާބުން އެކަންކަން ސާބިތު ކޮށްދެއްވާނެ ކަމުގެ ޔަގީން ލިބިވިޑައިގެންފައިވާ ކަމަށާއި 2007 އިން ފެށިގެން 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ ގުޅިގެން ފުއާދު ވިދާޅުވީ މިހާރުގެ އިލެކްޝަންސް ކޮމިޝަން ވުޖޫދަށް އައިސްފައި ވަނީ 2009 ވަނަ އަހަރުގައި ކަމަށާއި އޭގެކުރިން އިންތިގާލީ އިލެކްޝަންސް ކޮމިޝަނަކާއި ކަމިޝަނާ އޮފް އިލެކްޝަންސް ވެސް އޮތް ކަމަށެވެ. އަދި މިހާރުގެ އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މެންބަރަކު ފައިސާ އަށް ހިޔާނަތްތެރިވެފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިހާރުގެ އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް މެންބަރަކު ފައިސާ އަށް ހިޔާނަތްތެރިވެފައެއް ނުވާނެ. އެހެން ވީމާ އެކަން ސާބިތުކޮށްދެން ޖެހޭ ކޮންމެ ތަނެއްގައި ވެސް އެކަން [ހިޔާނަތްތެރިވެފައިނުވާކަން] އަޅުގަނޑުމެން ސާބިތު ކޮށްދޭނަން،" ފުއާދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާ މެދު މަޝްވަރާ ކުރައްވަމުން މާލިއްޔަތު ކޮމެޓިގެ މެންބަރުން ފެންމަތި ކުރި އެންމެ ބޮޑު މައްސަލައަކީ 2007 ވަނަ އަހަރުން ފެށިގެން 2010 އަހަރާ ހަމައަށް ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ފޮނުވާފައިވާ 54197574ރ.ގެ ތެރެއިން 15000000ރ. ހަރަދު ކުރި ގޮތުގެ ތަފްސީލު އެނގެން ނެތުމުންނެވެ. އަދި އެ ފައިސާ ހަރަދު ކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް އިލެކްޝަންސް ކޮމިޝަންގައި ނެތް ކަމަށް އެ އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި މަޝްވަރާ ކުރައްވަމުން ކޮމެޓީގެ މެންބަރުން ބުނެފައި ވަނީ ދައުލަތުގެ މާލިއްޔާ އިން ހަރަދު ކުރި ފައިސާއެއް ވީނުވީއެއް ނޭނގޭ ނަމަ ކޮމިޝަންގެ މެންބަރުންނާ މެދު ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ފުއާދަކީ އިންތިގާލީ އިލެކްޝަންސް ކޮމިޝަނުގެ ވެސް މެންބަރެކެވެ.