ދައުހާ (7 މާޗް 2023): އދ.އިން އިސްނަގައިގެން ގަތަރުގައި ބޭއްވި ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ (އެލްޑީސީ) ސަމިޓްގައި އޮބްޒާވަރުންގެ ގޮތުގައި ދުނިޔޭގެ މުއްސަނދި އެއްވެސް ގައުމެއްގެ އިސްވެރިއަކު ބައިވެރިވެވަޑައިގެންފައިނުވާތީއާއި މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކާމެދު އިހާނެތިކޮށް އަމަލުކުރާތީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

"އެލްޑީސީ"ގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ގުތެރޭޝް ވިދާޅުވީ ދުނިޔޭގެ މުއްސަނދި ގައުމުތަކާއި ވިޔަފާރީގެ ބޮޑެތި ކުންފުނިތަކުން ކުޑަކޮށް ތަރައްގީވެފައިވާ ފަގީރު ގައުމުތަކަށް މުދާ ވިއްކަނީވެސް އާދަޔާ ޚިލާފު ފައިދާ ލުމަށްފަހު ބޮޑެތި އަގުތަކެއްގައި ކަމަށެވެ. މީގެތެރޭގައި ތެލާއި ގޭހާއި ކާބޯތަކެއްޗާއި ބޭސްފަދަ ދިރިއުޅުމުގެ އަސާސީތަކެތިވެސް ހިމެނޭކަން ގުތެރޭޝް ފާހަގަ ކުރެއްވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ދުނިޔޭގެ ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުން ދުނިޔޭގެ މާލީ ނިޒާމު ބިނާކޮށްފައިވަނީވެސް އެ ގައުމުތަކަށް ބޮޑު ފައިދާ ނެގޭގޮތަށް އަދި ތަރައްގީނުވާ ފަގީރު ގައުމުތައް އަބަދުވެސް ކަންކަމުގައި އާދޭސްކޮށް ސަލާންޖަހަން ޖެހޭގޮތަށްކަން ގުތެރޭޝް ފާހަގަ ކުރެއްވިއެވެ.

ދުނިޔޭގެ މާލީ ނިޒާމަކީ މައިގަނޑު ގޮތެއްގައި އެމެރިކާ ޑޮލަރުގެ މައްޗަށް ބައްޓަންކޮށްގެން އުޅޭ އަދި ހުޅަނގު ބޭނުންވާ ގައުމުތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގެ މައްޗަށް ބިނާކޮށްފައިވާ ނިޒާމަކަށްވާތީ ގުތެރޭޝްގެ ފާޑުކިޔުން އަމާޒުކުރެއްވި ކަމަށް ބެލެވެނީ އެމެރިކާއަށާއި ޔޫރަޕަށެވެ.

ދުނިޔޭގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ (އެލްޑީސީ)ގެ ލިސްޓުގައި 46 ގައުމެއް ހިމެނެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ އެފްރިކާގެ ގައުމުތަކެވެ. ދެން އޭޝިއާގެ ގައުމުތަކެވެ. ދެން ލެޓިން އެމެރިކާގެ އެއްގައުމެވެ.

"އެލްޑީސީ" ގައި ހިމެނޭ އެފްރިކާގެ ގައުމުތަކުގެ ތެރޭގައި ޗާޑް، ބެނިން، ބުރުންޑީ، އެންގޯލާ، މަލާވީ، ލެސޯތޯ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، މާލީ، ކޮމޯރޯސް، ޖިބޫތީ، ސައުތު ސޫދާން، އެރިޓްރިޔާ ސީރަލިޔޯން، ލައިބީރިއާ، ގިނީ އަދި މަޑަގަސްކަރަ އާއި އަދިވެސް ބައެއް ގައުމުތައް ހިމެނެއެވެ. "އެލްޑީސީ" ގައި ހިމެނޭ އޭޝިއާގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ޔަމަން، މިޔަންމާ، ޓީމޯލެސްޓޭ އަދި ލާއޮސް މި ހަތް ގައުމެވެ. ލެޓިން އެމެރިކާގެ ގައުމުތަކުގެ ތެރެއިން "އެލްޑީސީ"ގައި ހިމެނެނީ ހެއިޓީ އެކަންޏެވެ.

"އެލްޑީސީ"ގައި ޔޫރަޕްގެ އެއްވެސް ގައުމެއް ނުހިމެނެއެވެ. ނަމަވެސް އޭޝިއާ-ޕެސިފިކްއާއި ފެސިފިކް އަދި އޯޝަނިއާގެ ކުދި ގައުމުތައް ކަމަށްވާ ސޮލޮމޮން އައިލެންޑް، ޓުއާލޫ، ކިރްބަތީ ފަދަ ކުދި ގައުމުތައް ހިމެނެނީ "އެލްޑީސީ"ގެ ގައުމުތަކުގެ ތެރޭގައެވެ.

ގުތެރޭޝް ވިދާޅުވިގޮތުގައި "އެލްޑީސީ"ގެ ގައުމުތައް އެހާލަތުން އަރައިގަތުމަށް ބޭނުންވާ އެހީތައް ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުން ނުލިބުމަކީ ހިތާމަކުރަންޖެހޭވަރުގެ މައްސަލައެކެވެ. ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކުން "އެލްޑީސީ"ގެ ގައުމުތަކުގެ އިންފްރާސްޓްރަކްޗަރު ފަދަ ޒަރޫރީ ވަސީލަތްތައް ބިނާކުރުމަށް މަދުވެގެން އަހަރަކު 500 މިލިޔަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށާއި އެއީ އެގައުމުތަކަށް މާބޮޑު އެއްޗެއް ނޫންކަން ގުތެރޭޝް ފާހަގަކުރެއްވިއެވެ.

ގުތެރޭޝް ވިދާޅުވިގޮތުގައި "އެލްޑީސީ"ގެ ބައެއް ގައުމުތަކަކީ އާބާދީ ބޮޑު އަދި ރިސޯސް މަދު ގައުމުތަކެކެވެ. އަނެއްބައި ގައުމުތަކަކީ ވަރަށް ކުދި އަދި ވަސީލަތްތައްވެސް މަދު ގައުމުތަކެވެ. "އެލްޑީސީ"ގެ ބައެއް ގައުމުތަކުގައި އެގައުމުތަކުގެ ރައްޔިތުންނަށް ބޭނުންވާ ވަރާ ގާތަށްވެސް ކާބޯތަކެތި ނެތުމާއި އެތަކެތި އުފެއްދޭނެ ގޮތެއް ނެތުމުން ރައްޔިތުން ހައިހޫނުކަމާ ކުރިމަތިލާންޖެހޭކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ކޮވިޑް ވެކްސިން ހޯދުމަށް ކުރިމަތިވި ދަތިތަކަކީވެސް ބޮޑު މައްސަލައެއްކަން "އެލްޑީސީ"ގެ ގައުމުތަކުން ދައުހާގެ ސަމިޓްގައި ވަނީ ފާހަގަކޮށްފައެވެ.