އިލެކްޝަންސް ކޮމިޝަނުން އިންތިހާބުތަކަށް ހަދަރުކުރި ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ ހަރަދު ކުރިގޮތުގެ ތަފްސީލު އޮޑިޓާ ޖެނަރަލްގެ އޮފީހަށް އަންގާފައި ނެތް މައްސަލާގައި އަމަލްކުރާނެ ގޮތަކާމެދު މެންބަރުންގެ ހިޔާލު ދެކަފިވެ، މާލިއްޔަތުގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ހޫނުވެއްޖެ އެވެ.

މާލިއްޔަތު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މެންބަރުން ވަނީ ތަފާތު ހުށަހެޅުންތަކެއް ހުށަހަޅުއްވާފަ އެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ހުށަހެޅުއްވީ އިލެކްޝަންސްގެ އިހުމާލުން ހަރަދުވެފައިވާ ފައިސާއާމެދު ޖަވާބުދާރީ ކުރުވުމަށް އިލެކްޝަންސްގެ މެންބަރުން ކޮމެޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވުމަށެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހުށަހެޅުއްވީ 15 މިލިއަން ރުފިޔާގެ ތަފްސީލު ހޯދުމަށް އިކެލްޝަންސް ކޮމިޝަނަށް ފުރުސަތު ދިނުމަށެވެ. ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވީ އިލެކްޝަނުންގެ އިހްމާލުން ހަރަދުވެފައިވާ ފައިސާގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށެވެ.

ނަމަވެސް އެ ހުށަހެޅުންތަކަކަށް މެންބަރުންނަކަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް ވިދާޅުވީ މީގެ ދެ އަހަރު ކުރިން މާލިއްޔަތު ކޮމެޓީއަށް ވައްދާފައިވާ އޮޑިޓް ރިޕޯޓްތަކާމެދު ފިޔަވަޅު އެޅުމަށް ނުނިންމައި، އިލެކްޝަންގެ ކޮމިޝަނާ މެދު ފިޔަވަޅު އަޅައިގެން ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކާއެކު މިއަހަރުގެ އޮޑިޓް ރިޕޯޓް ކޮމެޓީން މަރުހަލާ ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވަންވާނެ ކަމަށެވެ.

އިލެކްޝަންސްގެ ކުރީގެ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތައް މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީތަކުގައި ހުރިތޯ ބެލުމަށް ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް އިދާރީ މޭޒަށް އެންގުމުން، އިދާރީ މޭޖުން ޖަވާބުދީފައި ވަނީ އެ އޮޑިޓް ރިޕޯޓްތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. ނަމަވެސް އެހެން މުއައްސަސާތަކުގެ އޮޑިޓް ރިޕޯޓްތައް މާލިއްޔަތު ކޮމެޓީގެ ސަބް ކޮމެޓީގައި އެބަހުއްޓެވެ.

އިލެކްޝަންސްގެ އޮޑިޓް ރިޕޯޓުގެ މައްސަލާގައި މެންބަރުންނަށް އެއްބަސްވުމަކަށް ނާދެވުމުން ކޮމެޓީގެ މުގައްރު ވިދާޅުވީ އިލެކްޝަންސްގެ އޮޑިޓް ރިޕޯޓްގެ މައްސަލަ ނުނިންމައި ކޮމެޓީގެ އިތުރުކަމެއް ނުކުރާނެ ކަމަށެވެ. އަދި މާދަމާ ބާއްވާ ކޮމެޓީގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ އޮޑިޓް ރިޕޯޓާމެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ފެންމަތިވެފައިވާ މައްސަލައަކީ 2007 ވަނަ އަހަރުން ފެށިގެން 2010 އަހަރާ ހަމައަށް ބޭއްވި ފަސް އިންތިހާބަކަށް އަތޮޅު އޮފީސްތަކަށް ފޮނުވާފައިވާ 54197574ރ. ގެ ތެރެ އިން 15 މިލިއަން ރުފިޔާ ހަރަދު ކުރި ގޮތުގެ ތަފްސީލެއް އެނގެން ނެތް މައްސަލައެވެ. އަދި އެ ފައިސާ ހަރަދު ކުރި ގޮތުގެ އެއްވެސް ލިޔެކިޔުމެއް އިލެކްޝަންސް ކޮމިޝަންގައި ނެތް ކަމަށް އެ އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ. އަދި މާލިއްޔަތު ގާނޫނާ ހިލާފަށް އިލެކްޝަންސް ކޮމިޝަންގެ ފަސް މެންބަރުންނަށް ފަސް އައިޕެޑް ގަތް މައްސަލާގައި ވެސް ހިމެނެއެވެ.