ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރުގެ ފުރަތަމަ ތެލުގޫ ފިލްމަށް ސޮއިކޮށްފައިވާއިރު މިފިލްމުގައި ޖާންވީއާއެކު ފެންނާނީ ތެލުގޫ އެންމެ މަގުބޫލު އެކްޓަރު އެން.ޓީ.އާރް ޖޫނިއާކަން ހާމަކޮށްފިއެވެ.

ވަގުތީގޮތުން "އެން.ޓީ.އާރް.30"ގެ ނަމުން ނަންދެވިފައިވާ މިފިލްމުގެ ޑައިރެކްޓަރަކީ، ތެލުގޫ ޑައިރެކްޓަރެކެވެ. ޖާންވީ ކަޕޫރު ފިލްމަށް ސޮއިކޮށްފައިވާ ޚަބަރު ހިއްސާކޮށްފައިވަނީ އިއްޔެ ފާހަގަކުރި އޭނާގެ 26ވަނަ އުފަންދުވަހާ ގުޅުވައިގެންނެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރު އާއްމުންނާ ހިއްސާކުރުމަށްފަހު ޖާންވީ ބުނެފައިވަނީ އެކްޓަރު އެން.ޓީ.އާރް ޖޫނިއާއެކު ފިލްމެއްގައި މަސައްކަތްކުރުމުގެ ފުރުސަތާއެކު ބަޔާންކުރަން ދަތި އިހުސާސެއްކުރެވުނުކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ފެށުނުނަމަވެސް އެކަން ޔަގީންކުރަން ދަތިކަމަށް އޭނާ ވަނީ ބުނެފައެވެ.

ތެލުގޫއަށް ނިސްބަތްވާ ފިލްމު ކުންފުނި ޔުވާސުދާ އާޓްސްއިން ގެނެސްދޭ މިފިލްމުގެ ޕްރޮޑިއުސަރަކީ އެން.ޓީ.އާރް ޖޫނިއާގެ ބޭބެ ނަންދާމުރީ ކަލްޔަން ރާމްއެވެ. ޖާންވީ ކަޕޫރު ހިއްސާކުރި މިޚަބަރާއެކު ބަތަލާގެ ސަޕޯޓަރުންވަނީ ސައުތު އިންޑިއާއަށް މަރުހަބާ ކިޔާފައެވެ. އަދި ތަމަޅަ ފިލްމަކުން ބަތަލާ ފެންނާނީ ކޮން އިރަކުންތޯވެސް ބައެއް ސަޕޯޓަރުންވަނީ އަހާފައެވެ. އުފަންދުވަހުގެ ތަހުނިޔާގެ މެސެޖުތަކާއެކު އެއްބަޔަކު ބުނެފައިވަނީ ބަތަލާ ޖާންވީއަކީ މިޖީލުގެ ސްރީދޭވީކަމަށެވެ.

ޕްރޮޑިއުސަރު ބޮނީ ކަޕޫރާއި ކުރީގެ ބަތަލާ ސްރީދޭވީގެ ކައިވެންޏަށް ލިބުނު ދެ ކުދިންގެ ތެރެއިން ޖާންވީއަކީ ވަރަށް ކުޑައިރުއްސުރެވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރުމުގެ ހުވަފެން ދެކެމުންއައި ތަރިއެކެވެ. ޖާންވީގެ މަންމަ ސްރީދޭވީއަކީ ސައުތު ސިނަމާގެ ގިނަ ފިލްމުތަކުން ފެނިފައިވާ ބަތަލާއެއްކަމުން ޖާންވީ ސައުތު އިންޑަސްޓްރީއަށް ދިއުމަކީ ހައިރާންވާންވީކަމެއް ނޫނެވެ.

ޖާންވީގެ ފުރަތަމަ ފިލްމު "ދަޅަކް"އަކީވެސް މަރާޓީ ފިލްމު "ސައިރާތް" އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ. މިދިޔަ އަހަރު ރިލީޒްކުރި ޖާންވީގެ ފިލްމުތަކުގެތެރެއިން ބައްޕަ ބޮނީ ކަޕޫރު ޕްރޮޑިއުސްކުރި ފިލްމު "މިލީ"ގައި ބަތަލާ ދެއްކި އެކްޓިންއަށް ގިނަ ބަޔަކުވަނީ ތައުރީފުކޮށްފައެވެ. މިފިލްމުގެ އިތުރުން ޖާންވީ ސޮއިކޮށްފައިވާ ހިންދީ ފިލްމުތަކުގެތެރޭގައި، "ބަވާލް"، "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެއެވެ.