07 Mar 2023, 09:00
އެކްޓަރު ރަންދީޕް ހުޑާއާއި ބަތަލާ ނީނާ ގުޕްތާ އެކީގައި ފެނިގެންދާ ފިލްމު "ޕައްޗް އައްތަރް ކާ ޗޯރް"ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.
މިފިލްމަކީ، ވަރަށް ތަފާތު ފިލްމު ގެނެސްދީފައިވާ ޕެނެރޯމާ ސްޓޫޑިއޯސް އިންޓަނޭޝަނަލްއިން އުފައްދާ ފިލްމެކެވެ. މިފިލްމުގައި ދައްކުވައިދޭނީ އުމުރުން 75 އަހަރުވެފައިވާ މީހެއްގެ ހަޔާތުގައި އޭނާ ކަޑައްތުކުރާ ދިގު ދަތުރެވެ. އިންޑިއާގެ ރާޖަސްތާންއާ ވަރަށް ބޮޑަށް ގުޅިފައިވާ މިފިލްމު އިއުލާނުކޮށްފައިވަނީ މީގެ ދުވަސްކޮޅެއްކުރިން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
ޕެނެރޯމާ ސްޓޫޑިއޯގެ ޗެއާމަން ބުނެފައިވަނީ މިސްޓޫޑިއޯއިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ ވަރަށް ތަފާތު މައުޟޫއުތަކަށް ބިނާކޮށްގެން ފިލްމުތައް އުފެއްދުމަށް ކަމަށެވެ. މުނިފޫހިފިލުވުމުގެ އިތުރުން އާންމުކޮށް ނުގެނެސްދޭކަހަލަ ތަފާތު ވާހަކައެއް ސިނަމާއަށް އައުމުން ބެލުންތެރިން ފިލްމު ބެލުމަށް އިތުރަށް ޝައުގު އުފެދޭކަމަށްވެސް ޕެނެރޯމާއިންވަނީ ބުނެފައެވެ.
މިފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރަނީ 4000 އެޕިސޯޑަށްވުރެ ގިނަ އެޕިސޯޑުތައް ހިމެނޭ ޓީވީ ސިލްސިލާތައް ޑައިރެކްޓްކޮށްފައިވާ ޖަޔަންތް ގިލާތަރްއެވެ. ޓީވީ ސިލްސިލާތަކުގެ އިތުރުން ޖަޔަންތް ގިލާތަރްވަނީ މަރާޓީ ފިލްމުތައްވެސް ޑައިރެކްޓްކޮށްފައެވެ.
ފިލްމުގައި ރަންދީޕްއާއި ނީނާ ގުޕްތާ ހިމެނުމަކީ ފިލްމަށް ލިބުނު އިތުރު ފުރިހަމަކަމެއްކަމުގައި ގިލާތަރް ވަނީ ބުނެފައެވެ. ފިލްމާ ގުޅޭގޮތުން ރަންދީޕް ބުނެފައިވަނީ މިއީ މިހާތަނަށް އޭނާ ކުޅެފައިވާ ރޯލްތަކާ އަޅާބަލާއިރު ވަރަށް ތަފާތު ރޯލެއް ކަމަށެވެ.
މީގެ ކުރިންވެސް ލޯބީގެ ޑްރާމާތައް އޭނާ ކުޅުނު ނަމަވެސް މިފަހަރު ކިޔައިދޭ ވާހަކަ މާބޮޑަށްވެސް ތަފާތުކަމަށް ރަންދީޕް ވަނީ ސިފަކޮށްފައެވެ. އަދި މީގެ ކުރިން މިފަދަ ލޯބީގެ ވާހަކައެއް ފެނިފައިނުވާނެކަމުގެ ޔަގީންކަން ބެލުންތެރިންނަށް ދޭކަމުގައި އެކްޓަރުވަނީ ބުނެފައެވެ. މިފިލްމުގެ މަސައްކަތް ފެށިފައިވާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.