07 Mar 2023, 08:57
އެކްޓަރު ރަންބީރު ކަޕޫރުއާއި ބަތަލާ ޝްރަދާ ކަޕޫރުގެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު ފިލްމުގެ ޕްރޮޑިއުސަރުގެ އިތުރު ދެ ފިލްމު ރަންބީރުއަށް ހުށަހަޅާފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕްރޮޑިއުސަރު ލަވް ރަންޖަންގެ ފިލްމު "ޕިޔާރް ކާ ޕަންޗްނާމާ 2" ބެލުމަށްފަހު ލަވް ރަންޖަންގެ ފިލްމެއްގައި މަސައްކަތްކުރުމުގެ ޝައުގުވެރިކަން ވަރަށް ބޮޑަށް އުފެދުނުކަމަށް ރަންބީރުވަނީ ބުނެފައެވެ.
ރަންބީރަށް ހުށަހެޅި ދެ ފިލްމުގެތެރެއިން އެއް ފިލްމަކީ، އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަންގެ ދައުރު އަދާކުރި ސޯރަވް ގަންގުލީގެ ހަޔާތުގެ މައްޗަށް އުފައްދާ ބައޮޕިކްއެކެވެ. މީގެކުރިންވެސް ރަންބީރުވަނީ ކްރިކެޓް ކުޅިވަރުގެ މައިދާނުގައި ދާދާގެ ނަމުން މަޝްހޫރު ކުޅުންތެރިޔާގެ ބައޮޕިކް ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
މިފިލްމު ޑައިރެކްޓްކުރުމުގެ ބަދަލުގައި ލަވް ރަންޖަން ފެންނާނީ ފިލްމުގެ ޕްރޮޑިއުސަރުގެ ރޯލްއިންނެވެ. މިފިލްމަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައިނުވާއިރު މިއީ ލަވް ރަންޖަންގެ ފުރަތަމަ އެކްޝަން ޖޯންރާ ފިލްމުވެސްމެއެވެ. ރަންބީރުއާއެކު އެކްޓަރު އަޖޭ ދޭވްގަންއަށް މިފިލްމު ހުށަހެޅިކަމަށް ރިޕޯޓުތައް ބުނެފައިވާއިރު އަޖޭ ދޭވްގަންވަނީ ފިލްމު ދޫކޮށްލާފައެވެ. މިފިލްމު ޝޫޓިންގްތައް ހަމަޖައްސާފައިވާ ދުވަސްތަކުގައި ފިލްމަށް ވަގުތު ދެވެން ނެތުމުން އަޖޭ ފިލްމު ދޫކޮށްލީކަމަށް ރިޕޯޓުތައް ބުނެއެވެ. މިފިލްމުގައި އަޖޭއާއި ރަންބީރު ގެނެސްދިނުމަށް ނިންމީ ދެ ބެއިންގެ ގޮތުގައެވެ.
ބަތަލާ ޝްރަދާ ކަޕޫރުއާއެކު ރަންބީރު ފުރަތަމަ ފަހަރަށް ސްކްރީނުން ފެންނާނެ ފިލްމު "ތޫ ޖޫތީ މޭ މައްކާރު" ރިލީޒްކުރުމަށް ނިންމާފައިވަނީ މާދާމާއެވެ. އިންޑިއާގައި ފާހަގަކުރާ ހޯލީ ފެސްޓިވަލާ ދިމާކޮށް ފިލްމު ރިލީޒްކުރާއިރު މިއީ މިއަހަރު ރިލީޒްކުރާ ފިލްމުތަކުގެތެރޭގައި ހިމެނޭ އެންމެ އުއްމީދީ އެއް ފިލްމެވެ.