ގދ. އަތޮޅުގެ ކުރީގެ އެމްޑީޕީ ކައުންސިލަރު އަދި ތިނަދޫ މަޝްހޫރު ވިޔަފާރިވެރިޔާ އެ ރަށު، ބްލޫފިޝް، މުހައްމަދު ނިޔާޒުގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ނިޔާޒުގެ މައްޗަށް މިއަދު އުފުލުމުން އޭނާ އެ ދައުވާ އަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ މިއަދު ކޯޓަށް ހާޒިރުވެވަޑައިގަތީ ވަކީލަކާ އެކުކަމަށާއި ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި ދައުވާއާ މެދު އިތުރަށް ވާހަކަދެއްކުމަށް އޭނާ އަށް ކޯޓުން ފުރުސަތު ދީފައިވާ ކަމަށެވެ.

އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގައި ފުލުހުން އޭނާ ހައްޔަރު ކުރީ ޖުލައި 28، 2011ގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ސެޕްޓެބްބަރު، 5، 2011 ގަ އެވެ.
ސޯޅަ އަހަރުގެ އަންހެން ކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް މިއަދު ކޮށްފައިވާ އިރު އެ އަންހެން ކުއްޖާގެ މަންމަގެ މައްޗަށް ކުޑަކުއްޖަކު ލައްވައި މަޖުބޫރުން ހަށި ވިއްކުވި ކަމުގެ ދައުވާ ވެސް ދައުލަތުން މިއަދު ވަނީ އުފުލާފަ އެވެ.

އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ 16 އަހަރުގެ ދަރިފުޅު ނިޔާޒުގެ ކައިރިއަށް ފޮނުވައިގެން ދަރިފުޅުގެ ނުރުހުމުގައި ދަރިފުޅުގެ ހަށި ނިޔާޒަށް ވިއްކައިގެން ދަރިފުޅު ލައްވާ ނިޔާޒު އަތުން ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތު ކޮށެވެ.