ހުޅުމާލޭ ޖޫސްޓައިމްއަށް މިދިޔަ މަހުގެ 17ވަނަ ދުވަހުގެރޭ އިރުއޮއްސުނު ވަގުތު މޫނު ނިވާ ކޮށްގެން ތިބި ބަޔަކު ވަދެ ގެއްލުންދިން މައްސަލައިގައި ތުހުމަތުވާ ދެވަނަ މީހާ މިއަދު ހައްޔަރު ކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި 'ޖޫސް ޓައިމް'އަށް ހަމަލާ ދީފައި ވަނީ ހެލްމެޓް އަޅާ މޫނު ނިވާކޮށްފައިވާ ދެ ފިރިހެނުންނެވެ.

އެ މައްސަލާގައި އިއްޔެ ވަނީ އުމުރުން 19 އަހަރުގެ ފިރިހެނެކު ހައްޔަރު ކޮށްފައެވެ. އަދި އޭނާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް އިތުރު ކޮށްދީފައެވެ.

ފުލުހުން ބުނީ އެތަނަށް އޭނާ އަކީ ޖޫސްޓައިމް އަށް ގެއްލުން ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން އެކަކު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ކޯޓު އަމުރެއްގެ ދަށުން 28 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މިދިޔަ މަހުގެ 24ވަނަ ދުވަހު ފުލުހުން ވަނީ، 'ޖޫސް ޓައިމް'އަށް ގެއްލުންދިން، މޫނު ނިވާ ކޮށްގެން ތިބި މީހުން އެ ވަގުތު ދުއްވި ކަމަށް ބެލެވޭ ސައިކަލު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ސައިކަލެއްގައި އައި ދެ މީހުން ވަނީ އެތަނުގެ ބިއްލޫރިތައް ތަޅާލައި އެތެރެއަށް ވަދެ އެތެރޭގައި ހުރި ތަކެއްޗަށް ވެސް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ. ހަމަލާ ދިނުމަށް ފަހު އެ މީހުން ވަނީ ފިލާފައެވެ.