06 Mar 2023, 20:37
މިދިޔަ ޑިސެމްބަރު މަހުގެ 28ވަނަ ދުވަހު ވިލިމާލެއިން ފުރި "ހެދޭ ކުރި" ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ ބަންދަށް 30 ދުވަސް އިތުރު ކޮށްފިއެވެ.
ތަހުގީގުން ހާމަވެފައިވާ ގޮތުގައި ލިޓަން މަރާލީ ކ.ގަލުފަޅު ކައިރިއަށް މޫދަށް، އޭނާ ކޮށްޕާ ވައްޓާލައިގެންނެވެ.
އެކަން ހިނގާފައިވަނީ މިދިޔަ ޑިސެމްބަރު 28ގެ ރޭ 19:00 އާއި، 20:30 އާ ދެމެދުގެ ވަގުތެއްގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ނާޒިމް ވަނީ ދޯނީގައި ހުރި 51،000 އަށްވުރެ ގިނަ ރުފިޔާ ނިޒާމް ވަގަށް ނަގައިފައެވެ.
އެ މައްސަލައާ ގުޅިގެން ނިޒާމުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވާއިރު އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރު ކޮށްދީފައެވެ.
ނިޒާމުގެ މައްޗަށް އުފުލައިފައިވާ ދައުވާތައް:
ގަސްތުގައި މީހަކު މެރުމުގެ ދައުވާ
- ވައްކަންކުރުމުގެ ކުށުގެ ދައުވާ
- ޑައިމޯފިނުން މުޢާމަލާތުކުރުމުގެ ކުށުގެ ދައުވާ
ޕީޖީ އޮފީހުން ބުނީ ނިޒާމްގެ މައްޗަށް މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ދައުވާ އުފުލީ ނިޒާމް ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރިއެއް ފުލުހުން ބަލައި ފާސްކުރިއިރު އެ ތަނުން 3.2565 ގްރާމްގެ ޑައިމޯފިން ފެނިފައިވާތީކަމަށެވެ.
މީގެ އިތުރުން އެ މަސްތުވާތަކެތި ގަތީ، ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ވެސް ނިޒާމުގެ މައްޗަށް ތުހުމަތުކުރެވެއެވެ.
ނިޒާމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުން ފަދަ ކަންކަމުގެ ރެކޯޑް އޮންނަ މީހެއް ކަމަށް އޭނާ ދަންނަ މީހުން ތުހުމަތު ކުރެއެވެ. އެހެންކަމުން ފައިސާގެ ބޭނުމަށް އޭނާ އެފަދަ ކަމެއް ކޮށްފާނެ ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ.