ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައިކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމުމަކީ އެ މަނިކުފާނުގެ ހައިކޯޓަށް ހުށަހަޅައިފައިވާ އިސްތިއުނާފުގެ މައްސަލައަށް ސީދާ ހުރަސް އެޅުންކަމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް މެމްބަރުންނާއެކު ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީގެ ކުރިން ޝަކީލާމެދު ޖޭއެސްސީއަށް ހުށަހަޅައިފައިވާ އެއްވެސް ސުލޫކީ މައްސަލައެއް ބެލުމެއް ނެތި އޭނާ ހައިކޯޓަށް އައްޔަންކުރަން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އެގޮތުން ޕީޕީއެމްގެ ވަކީލުން، ގާޒީ ޝަކީލާމެދު ދެ ސުލޫކީ މައްސަލައެއް ހުށަހަޅައިފައިވާއިރު މިހާތަނަށް އެއްވެސް މައްސަލައެއް ބަލައިފައިނުވާކަމަށް ވިދާޅުވިއެވެ.

"ދެ މައްސަލަ ހުށަހަޅުއްވައިފައި އޮއްވައި އެ ދެ މައްސަލައަށް ވެސް ޖަވާބު ދެއްވުމެއް ނެތި، މި ބޭފުޅުން މި ނިންމެވީ ޝަކީލް ހައިކޯޓަށް ގެންދަން. އެހެންވީމާ މީގެއިން މި އެނގެނީ ސަރުކާރުގެ ނުފޫޒު ފޯރުވައިގެން ރައީސް ޔާމީންގެ މައްޗަށް ޙުކުމް ކުރާކަން. އަޅުގަނޑުމެން މި ވާހަކަ ތަކުރާރުކޮށް ދައްކަމުން މި ގެންދަނީ. އެހެން ނޫންނަމަ އެޓްލީސްޓް އެއަށް ޖަވާބެއް ދެއްވަން ވާނެ އެ ނިންމުން ނިންމެވުމުގެ ކުރިން. އޭރުންތާ އެ ބޭފުޅުންނަށް ވެސް ޖަސްޓިފައިކޮށްދެވޭނީ ހުށަހެޅޭ މައްސަލަތައް ބައްލަވައިފައިކަން މި ކަންކަން ކުރަމުން މި ގެންދަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވަނީ ޝަކީލް ހައިކޯޓުގައި މަސައްކަތްކުރެއްވުމަކީ ރައީސް ޔާމީންގެ އިސްތިއުނާފަށް ސީދާ ނުފޫޒު ފޯރުވަން ހުޅުވައިދޭ ދޮރެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އެގޮތުން ފަނޑިޔާރުންނަށް ނުފޯޒު ފޯރުވުން ފަދަ އަމަލުތައް ހިންގާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ޝަކީލަކީ އަދުލަށް ހުކުމް ކުރާ ފަނޑިޔާރެއްގެ ގޮތުގައި ގަބޫލުނުކުރާކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އެހެންނަމަވެސް މިތާ މިއަދު މި ތިބީ އަޅުގަނޑުމެން ފަސް މީހުން. އެހެންނަމަވެސް އަޅުގަނޑުމެންގެ ލީޑާޝިޕުގެ ހިމެނިވަޑައިގަންނަވާ އެބަ އިތުރު ބޭފުޅުން. އެ ބޭފުޅުންނަށް އަޅުގަނޑުމެން ލީޑާޝިޕުގައި ނިންމާ ނިންމުންތަކުގައި ބަސް ބުނުމުގެ އިޚްތިޔާރު އޮންނާނެ. އަދި އަޅުގަނޑުމެންނަށް އެކިއެކި ވިސްނުންތައް ވިސްނައިވެސް ދެވޭނެ. އެކިއެކި ކަންކަމުގައި ނުފޫޒު ވެސް ފޯރުވޭނެ. ހަމަ އެގޮތަށް ނޫންތޯ ވާނީ ކޯޓެއްގެ ތެރޭގައި ވެސް. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް ޝަކީލަކީ އަދުލުވެރިކަމާއެކު ހުކުމް ކުރައްވާ ބޭފުޅެއް ކަމަކަށް،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފްކުރުމަށް ޓަކައި ހައިކޯޓަށް މިހާރު ހުށަހަޅައިފައިވާއިރު އެ މައްސަލަ ބަލައިގަންނަން ލަސްވާތީ ހައިކޯޓުގެ ރަޖިސްޓްރާއާ ބައްދަލުކުރުމަށް ލީޑާޝިޕުން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ލީޑާޝިޕްގެ މެމްބަރުންނާ ބައްދަލުކުރައްވަން ރަޖިސްޓްރާ އިންކާރުކުރެއްވިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޭއެސްސީގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކޮށް ސަރުކާރުން ރައީސް ޔާމީންގެ މައްސަލައަށް ފޯރުވަނީ ކޮން ނުފޫޒެއްތޯ ވެސް އަހައިފައިވާނެކަމަަށެވެ. އެހެންނަމަވެސް އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.