07 Mar 2023, 13:53
ތޮއްޑޫގެ ފެހި ކަމާއި، ނަލަ ކަމާއި އަދި އެ ރަށުން އުފައްދާ ކަރަލުގެ މީރު ކަމުގެ ވާހަކައަކީ ނިމުމެއް ނެތް ވާހަކައެކެވެ. ކަރަލުގެ އިތުރުން އެރަށުގައި އުފައްދާ ތަކެތީގެ ވާހަކަ އަދި އިހަށް ނުދައްކާ ބާއްވަމާ ހިންގަވާށެވެ. މިފަހަރު މި އޮތީ އެ ރަށުގެ ތަފާތު ވާހަކައެކެވެ. އެ ރަށުގެ ހީވާގި އަންހެނަކު، އުފެއްދާ ތަފާތު އުފެއްދުމެއްގެ ވާހަކައެވެ. ދިވެހީން، ޢާންމުކޮށް ހެނދުނުގެ ނާސްތާގައި ބޭނުންކުރާ ޖޭމު އުފައްދާ ވާހަކައެވެ.
ފާތިމަތު އިބްރާހިމް، 65، ޖޭމު އުފެއްދުމުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ. އެންމެ ފުރަތަމަ ގާތްތިމާގެ މީހުންނަށާއި ރައްޓެހިންނަށް ރަހަ ބެލުމަށް އުފެއްދި މި ޖޭމަކީ މިއަދު ތޮއްޑޫގެ މާކެޓުގައި ހިޓެކެވެ.
ޖޭމު އުފެއްދުމަކީ ރާއްޖޭގައި މި ނޫނީ ފެނުނު ކަމެއް ނޫނެވެ. އެހެން ކަމުން ފާތިމަތު އުފައްދާ ޖޭމަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ.

"ފައިން ބޭކަރީ" ގައި ޖޭމު ޑިސްޕްލޭގައި --- ފޮޓޯ/ ގަމީރާ
"އަޅުގަނޑު މިކަން ކުރާތާ ތިން އަހަރަށް ވުރެ ގިނަ އަހަރު ވެދާނެ. އެންމެ ފުރަތަމަ އާއިލާއާއި ރައްޓެހިންނަށް ރަހަ ބަލަން ހެދީ. އެންމެންނަށް ވެސް ވަރަށް މީރު،"ފާތިމަތު އިބްރާހިމް
ފާތިމަތު ބުނިގޮތުގައި އޭނާ އުފައްދާ ޖޭމުގެ ދެ ބާވަތެއް މިހާރު މާކެޓަށް ވަނީ ނެރެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްހޫރީ މޭވާ (ޕެޝަން ފްރުޓް) އާއި ފަޅޮލުން ހަދާ ޖޭމެވެ.
"އެ ދެބާވަތަކީ ޢާންމުކޮށް ފަސޭހައިން ލިބޭ ދެ ބާވަތް. މި ރަށުގައި ވަރަށް ގިނައިން ހައްދާ ދެ ބާވަތް. ބައެއް ފަހަރު އެ ތަކެތި އަމިއްލައަށް ހައްދައިގެން ވެސް ބޭނުން ކުރަން. ބައެއް ފަހަރު ގަނެގެން ވެސް ބޭނުން ކުރަން،"ފާތިމަތު އިބްރާހިމް
ފާތިމަަތުގެ މި ސިއްރު އުފެއްދުން މިއަދު ތޮއްޑޫގެ މާކެޓުގައި މަޝްހޫރުވުމުގެ އެންމެ ބޮޑު ޙިއްސާއެއް އަދާ ކުރާނެ އެއް ފަރާތަކީ އޭނާގެ ކޮއްކޮ، ގަމީރާ އާދަމްއެވެ.

ފާތިމަތު އިބްރާހިމް ޖޭމު އުފެއްދުމުގެ ތެރޭގައި
ގަމީރާ އަކީ ބ. އަތޮޅުގެ ފަޅު ރަށެއް ކަމަށްވާ އަންހެން ފުށީގައި 22 އަހަރު ދިރިއުޅެ، ދަނޑުވެރިކަން ކުރަމުން އައި ހީވާގި އަންހެނެކެވެ. އޭނާގެ އުފަން ރަށްކަމުގައިވާ ތޮއްޑޫ އަށް ބަދަލުވީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ގަމީރާ އަމިއްލަ ރަށަށް ބަދަލުވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ ދައްތައާ އެއްކޮށް ހުޅުވި "ފައިން ބޭކަރީ" ހިންގުމެވެ. މި ބޭކަރީ އަކީ ފާތިމަތު އުފައްދާ ޖޭމު ވިއްކާ ބޭކަރީ ވެސް މެއެވެ.
ގަމީރާ ރަށަށް އައުމުގެ ކުރިން ފާތިމަތުގެ ޖޭމު ހަމަ އެކަނި ލިބެމުން ދިޔައީ އާއިލާގެ މީހުންނަށާއި ރައްޓެހިންނަށެވެ. އެހެން ނަމަވެސް، ގަމީރާގެ އެހީތެރިކަމާ އެކު ފާތިމަތުގެ ޖޭމު ތޮއްޑޫގެ މާކެޓަށް ނެރުނެވެ.
"އަޅުގަނޑުގެ ދައްތަ އެކަން [ޖޭމު އުފެއްދީ] ކުރީ އާއިލާ އަދި ރައްޓެހިންނަށް. އަޅުގަނޑު ދޮންތަ ގާތު ކިޔައިގެން މީތި މާކެޓަށް ނެރުނީ،"ގަމީރާ އާދަމް
މިއަދު އެ ޖޭމު ހަމަ އެކަނި ތޮއްޑޫގައި ވިއްކި ނަމަވެސް، ފާތިމަތު އަދި ގަމީރާގެ ހުވަފެނަކީ އެ ޖޭމު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްކައި، ރާއްޖެއިން ބޭރަށް ވެސް އެ ޖޭމު ފޮނުވުމުވެ.
"އަޅުގަނޑުގެ ހުވަފެނީ ރާއްޖެއިން ބޭރުގަ މި ޖޭމު ވިއްކުން. އެއީ އެންމެ ބޭނުންވާ އެއް ކަމަކީ،"ފާތިމަތު އިބްރާހިމް