18 Apr 2012, 12:22
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމުގައި، ޖެނުއަރީ 14 އިން ފެބްރުއަރީ 8 ގެ ނިޔަލަށް ރާއްޖޭގައި ހިނގާފައިވާ ކަންކަން ހޯދައި ބަލަން ރައީސުލްޖުމުހުރިއްޔާގެ ގަރާރަކުން ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީ އުފައްދަވައި ގާނޫނީ ގޮތުން އެކޮމިޝަނާއި މަސްއޫލިއްޔަތުތަކެއް މަތިކުރެއްވުމަށް ފަހު މިނިވަންކަމާއިއެކު އެކަންތަކުގެ ހަގީގަތް ހޯއްދެވުމަށް އުފެއްދި ކޮމިޝަނަކީ މިނިވަން ކައުންސިލެއްތޯ ނުވަތަ މިނިވަން ނޫންކައުންސިލެއްތޯ އުފެއްދި ސުވާލަކީ ވެރިކަން ބަދަލުވި ހާދިސާގެ ތަހުގީގައި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑުކޮށް ކުރަން ޖެހިފައިވާ ތަހުގީގަކަށް މިއަދުވަނީ ވެފައެވެ.
ރާއްޖޭގައި އުފައްދާ އެފަދަ ކޮމިޝަންތައް މިނިވަން ނުވާނެ ކަމަށް ބައެއް މީހުން ގަބޫލް ކުރާއިރު ރާއްޖޭގެ ތިންވެރިން އުފެއްދި ތިން ކޮމިޝަން ވެސް ގަބޫލްނުކުރާ ބަޔަކު ތިއްބެވެ. މާފުށީޖަލުގެ ބަޑިޖެހި ހާދިސާގައި އޭރުގެ ރައީސް މައުމޫން ހެއްދެވި ރިޔާސީ ކޮމިޝަން އެއީ މިނިވަން ކޮމިޝަނަކަށް އެއްބަޔަކު ގަބޫލް ކުރިއިރު އަނެއް ބަޔަކު ގަބޫލެއް ނުކުރެއެވެ. ހަމައެގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ވެގެން ދިޔައީ އެހެނެވެ. އަދި މިހާރުގެ ރައީސް އުފެއްދި އިންކުއެރީ ކޮމިޝަނަށް ވެސް މިއަދު މިވަނީ އެދަތުރު ޖެހިފައެވެ. އިންކްއަރީ ކޮމިޝަން މިނިވަން ކަމަށް ސަރުކާރަށް ތާއީދުކުރާ އަށް ޕާޓީ ބުނާއިރު އެމްޑީޕީން ބުނީ އެކޮމިޝަނަކީ ސިޔާސީ ގޮތުން އުފައްދާފައިވަ އެއްފަރާތަށް ބުރަވެފައިވާ ކޮމިޝަނެއް ކަމަށެވެ.
އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި އިންކްއަރީ ކޮމިޝަން އެމްޑީޕީން ގަބޫލު ނުކުރަނީ އެ ކޮމިޝަނުން މިނިވަންކަމާއެކު ތަހްގީގު ކުރާނެ ކަމަށް ގަބޫލު ނުކުރާތީ އެވެ. އެ ޕާޓީން ގަބޫލު ކުރާ ގޮތުގައި ވެރިކަން ބަދަލުވުމުގެ ކުރިން އަދި ބަދަލުވުމަށް ފަހު ހިނގައި ދިޔަ ކަންކަން ތަހްގީގު ކުރަން ޖެހޭނީ ބޭރުގެ ފަރާތްތަކަށް ދައުވަތުދީ ގެނެސްގެނެވެ. އަދި ބޭރުގެ ފަރާތްތަކުން ކުރާ ތަހްގީގުތައް އެ ޕާޓީން ބަލައިގަންނާނެ އެވެ.
އިންކްއަރީ ކޮމިޝަނުގެ މެންބަރު ޑރ. އަލީފަވާޒު ވިދާޅުވި ގޮތުގައި ބޭރުގެ ފަރާތެއް ހޯދިދާނެ އެވެ. އެކަމަކު ކޮމިޝަނުގެ ކޮންޕޮޒިޝަނަށް ގެނެވޭނެ ބަދަލަކީ އެކޮމިޝނަށް ގެނެވޭނެ ބަދަލެއް ނޫނެވެ.
"ބޭރުގެ ފަރާތްތަކުގެ އެހީއަށް އެދިފައިވަނީ. އެފަރަތްތަކުން ދެއްވާ އެހީތެރިކަން އެންމެ ފުރިހަމައަށް ބޭނުންކުރާނެ،" ފަވާޒު ވިދާޅުވި އެވެ.
އިންކްއަރީ ކޮމިޝަނުން އެ ކޮމިޝަނަކީ މިނިވަން ކޮމިޝަނެއް ކަމަށް ބުނިނަމަވެސް ކޮމަން ވެލްތުން އެންމެ ފަހުން ނެރެފައިވާ ރިޕޯޓްގައި އެކޮމިޝަން މިނިވަން ނޫންކަމަށް ބުނެ އެކޮމިޝަން މިނިވަން ކުރަން ހަތަރު ހަފުތާގެ މުހުލަތެއް ވެސް ވަނީ ދީފަ އެވެ. ރާއްޖޭގައި އުފެއްދި މުހިންމު ކޮމިޝަނަކާއި ގުޅޭ ގޮތުން ބޭރުގެ އެފަދަ ޖަމިއްޔާއަކުން އެގޮތަށް ބުނުމަކީ ދެވަނަ ވިސްނުކަމަށް ދާން ޖެހުމެވެ.
ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މަގުފަހިވި ކަންތައްތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ކޮމިޝަނެއް ނޫން ކަމަށާއި އެ ކޮމިޝަނަށް ރާއްޖޭން އެކަށީގެންވާ އެއްބާރުލުން ހޯދުމުގައި ފޭލްވެފައިވާ ކަމަށް ގްރޫޕުން (ސީމެގް) އިން ދެކެއެވެ،" ކޮމަން ވެލްތުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަނުގެ މެންބަރު ޑރ އިބުރާހިމް ޔާސިރު ވިދާޅުވި ގޮތުގައި ކޮމަން ވެލްތާއި އީޔޫއިން ކޮމިޝަނަށް އެހީދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެ އެހީ ލިބިއްޖެނަމަ ކޮމިޝަނުން ބަލައިގަންނާނެ އެވެ.
"މިނިވަން ކަމާއި އެކު ކޮމިޝަންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭރުގެ އެހީ ލިބިއްޖެނަމަ އެކަން ގަބޫލް ކުރާނަން. އަދި އަޅުގަނޑުމެން ވެސް އުންމީދުކުރަން އެހީ ލިބޭނެކަމަށް. ރާއްޖޭގެ އެންޖީއޯތަކައި ބައްދަލުކޮށް އެމީހުންގެ އެހިތެރިކަން ލިބޭނެ ގޮތާއި މެދުވެސްވަނީ މަޝްވަރާ ކޮށްފައި،" ޔާސިރު ވިދާޅުވިއެވެ.
ސަރުކާރު ހިންގާ ޕާޓީތަކުގެ އެއްބާރުލުން އިންކުއަރީ ކޮމިޝަނަށް އޮތްކަމަށް އެޕާޓީތަކުން ބުނާއިރު އެންމެ ބޮޑު އިދި ކޮޅުޕާޓި އެމްޑީޕީން އެކަން ބަލައި ނުގަތުމުން އެކަމުގެ ސުވާލު އުފެދި ބައިނަލް އަގުވާމީ ޕްރެޝަރު ސަރުކާރަށް ވަނީ ކުރިމަތިވެފަ އެވެ. ނަމަވެސް ކޮމިޝަންގެ މިނިވަން ކަމުގެ މައްޗަށް ކޮމަންވެލްތުން ބުނެފައިވާ ވަހަކަތަކައް އެއްޗެއް ބުނުމުގައި ސަރުކާރު ދެކެނީ އަދި އަވަސް ކަމަށެވެ.
ޑީއާރްޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބު ރައީސް ކެލާ ދައިރާގެ މަޖިލިސް މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި އިންކްއަރީ ކޮމިޝނަކީ ފުރިހަމަ މިނިވަން ކޮމިޝަނެކެވެ.
"މިވަގުތު އުފައްދަވާފައިވަ ކޮމިޝަން އުފައްދަވާފައިވަނި އެންމެ ރަނގަޅަލަށް ފާހގަކުރަން. އެހެންނަމަވެސް އެފަދަ ކަންކަން އެންމެ ފުރިހަމަކުރަން ކުރަން ޖެހޭ ކަންކަން ހުންނާނެ. އެފަދަކަންކަން ކުރުމަށް ސިޔާސީ ޕަޓީތައްވިޔަސް ބައިނަލް އަގުވާމީ ޖަމިއްޔާތައް ލައިގެން ވެސް ފުރިހަމަކުރުވަން ކުރާ މަސައްކަތްތަކަށް އަޅުގަނޑުމެން ތާއީދުކުރަން،" މައުސޫމް ވިދާޅުވިއެވެ.