06 Mar 2023, 19:01
ޕާކިސްތާނުގެ ޓީވީ ޗެނަލްތަކުން ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ތަގުރީރުތަކާއި ނޫސް ކޮންފަރެންސްތައް ދެއްކުން މަނާކޮށްފިއެވެ.
ޕާކިސްތާނުގެ މީޑިއާތައް ރެގިއުލޭޓް ކުރާ މުއައްސަސާ ކަމަށްވާ ޕެމްރާއިން އެ ފިޔަވަޅު އެޅީ، އިއްޔެ ޚާން ލާހޯރުގައި ދެއްވި ތަގުރީރަކާ ގުޅިގެންނެވެ. އެ ތަގުރީރުގައި ޚާން ވަނީ އޭނާ މަގާމުން ދުރުކޮށްފައި ވަނީ އެގައުމުގެ އަސްކަރިއްޔާގައި މީގެ ކުރިން އިސްކޮށް ހުންނެވި، ޖެނެރަލް ގަމަރު ޖާވިދު ބަޖުވާ ކަމަށް ތުހުމަތުކުރައްވާފައެވެ.
ޕެމްރާއިން ނެރުނު އެންގުމުގައިވާ ގޮތުން، ޚާން ގެންދަވަނީ ދައުލަތުގެ މުއައްސަސާތަކާއި އޮފިސަރުންނަށް ސާބިތުނުހިފޭ ތުހުމަތުތައް ކުރައްވަމުންނެވެ. އެއީ އާންމު މަސްލަހަތަށާއި ގާނޫނުތައް ނެގެހެއްޓުމަށް ބުރޫ އަރާ ކަމެއް ކަމަށް އެ އެންގުމުގައިވެއެވެ.
މިއީ ޚާން ބޮޑުވަޒީރު ކަމުން ދުރުކުރި ފަހުން، އޭނާގެ ތަގުރީރުތައް ޓީވީ ޗެނަލްތަކުން ދެއްކުން މަނާކުރި ތިން ވަނަ ފަހަރެވެ.
އެ އެންގުން އިއުލާން ކުރިތާ ދެ ގަޑިއިރު ފަހުން، ޚާންގެ ތަގުރީރެއް ދެއްކި ކަމަށް ބުނެ ޕެމްރާއިން ވަނީ އެގައުމުގެ އޭއާރުވައި ނިއުސްގެ ލައިސެންސް ސަސްޕެންޑުކޮށްފައެވެ. ނަމަވެސް އެ ޗެނަލްއިން ވަނީ ޕެމްރާގެ އަމުރާ ޚިލާފުނުވާ ކަމަށް ބުނެފައެވެ. އަދި ޚާންގެ ތަގުރީރުގެ ވީޑިއޯތައް އެހެން ޓީވީ ޗެނަލްތަކުން ވެސް ދެއްކި ނަމަވެސް، ލައިސެންސް ސަސްޕެންޑުކޮށްފައި ވަނީ އެ ޓީވީގެ އެކަނި ކަމަށް އޭއާރްވައިގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ކޮމިޝަނުން ވަނީ ޕެމްރާގެ ނިންމުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ބުނެ، އެ ނިންމުން ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން، ޚާންގެ ތަހްރީކީ އިންސާފް ޕާޓީން ވަނީ ޕެމްރާގެ އެންގުން ގާނޫނު އަސާސީއާ ޚިލާފު ކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ޚިލާފު ނިންމުމެއް ކަމަށް ބުނެފައެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ޕާކިސްތާނުގެ ކޯޓަކުން ވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި ޚާން ހައްޔަރުކުރުމަށް އަމުރެއް ނެރެފައެވެ. އެ އަމުރާ ގުޅިގެން ފުލުހުން އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރި ނަމަވެސް އަދި ހައްޔަރު ކުރެވިފައި ނުވެއެވެ.
ދެހާސް އަށާރަ ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވި ޚާން މަގާމުން ދުރުކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 10ގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެގޮތުން ޚާންގެ އިތުބާރު އޮތްތޯ ބެލުމަށް އެ މަޖިލީހުގައި ނެގި ވޯޓުގައި 342 މެންބަރުންގެ ތެރެއިން 174 މެންބަރުން ވޯޓު ދިނީ އޭނާގެ އިތުބާރު ނެތް ކަމަށެވެ.
ޚާނަށް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިސްކޮށް އޮވެގެންނެވެ. އަދި ފަހުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފެވެ.
އޭރު އިދިކޮޅުން ބުނީ ސަރުކާރު ބަދަލު ކުރަން ޖެހުނީ ކޮރަޕްޝަނުގެ އަމަލުތައް އިތުރުވެ، ގައުމުގެ އިގްތިސާދު ނަގަހައްޓަން ސަރުކާރު ނުކުޅެދިފައިވާތީ ކަމަށެވެ.