06 Mar 2023, 20:34
ބީއެމްއެލް އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ހުރިހާ ކިއުއާރު ޕޭމަންޓްތަކަށް ވެސް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭނުންކުރަން ޖެހޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަދަލުގެނެސްފިއެވެ.
ބީއެމްއެލްއިން މި ބަދަލު ގެނެސްފައި މިވަނީ މޮބައިލް ޕޭ އާއި ބޭންކުގެ އެޕް ބޭނުންކޮށްގެން ހިންގާ ސްކޭމްތަކާއި ވައްކަމުގެ މައްސަލަތައް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ.
އަލަށް ތައާރަފުކުރި ހިދުމަތާ ބެހޭގޮތުން ބީއެމްއެލްއިން ބުނީ ބީއެމްއެލް އެޕް އަޕްޑޭޓް ކުރުމާއެކު، ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް އިން ކަސްޓަމަރުންކުރާ ކޮންމެ އަދަދެއްގެ 'ސްކޭން ޓު ޕޭ' ޓްރާންސެކްޝަންތަކަށް އޯތެންޓިކޭޓާ، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ލިބޭ އޯޓީޕީ ޖަހަންޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ބީއެމްއެލް އިން ކިއުއާރް ޕޭމެންޓް ސިސްޓަމް ހަރުދަނާ ކުރުން --- ފޮޓޯ/ ބީއެމްއެލް
މިއީ ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓުތައް މިހާރަށް ވުރެ ރައްކާތެރިކުރުމުގެ ގޮތުން ބޭންކުން ވަނީ މިފަހުން އެހެން ބަދަލުތަކެއް ވެސް ގެނެސްފައެވެ.
އެގޮތުން މިދިޔަ ޑިސެމްބަރުގައި، ބޭންކުގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންހިދު މަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ އޯޓީޕީ އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ އީމެއިލް ކޮންޕްރަމައިޒްވެފައިވާ ހާލަތްތަކުގައި ވެސް ކަސްޓަމަރުންނަށް އިތުރު ރައްކާތެރިކަމެއް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.
ސެކިއުރިޓީ ފީޗާސްތައް އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކެއް މި މާޗު މަސް ނިމުމުގެ ކުރިން ތައާރަފްކުރާނެ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.
އެގޮތުން ސްކޭމްތައް ހިންގާ ފަރާތްތަކުން އެމީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލަކުރަމުން އަންނައިރު، ބޭންކުން ކަސްޓަމަރުންގެ ފަރާތުން ތަކުރާރުކޮށް އެދެނީ ސްކޭމް އުކުޅުތައް ދެނެގަނެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެ ބޭންކުން އެދެއެވެ.

މޯބައިލް ވޮލެޓް ---
ބީއެމްއެލްގެ ނަމުގައި "ސްޕޫފް" ކޮށްގެން އެކި ކަހަލަ ލިންކުތައް ފޮނުވާ ނަމަވެސް، އެ ބޭންކުން ބުނީ ވެބްސައިޓް ލިންކް ހިމެނޭހެން އެސްއެމްއެސް ނުފޮނުވާ ކަމަށެވެ. އެހެންކަމުން އެސްއެމްއެސް އައުމުން އެއީ ބީއެމްއެލްއިން ފޮނުވި އެސްއެމްއެސް އެއް ކަމުގައި ހީވިނަމަވެސް އެއްވެސް ލިންކަކަށް ނުފިތާ، އެ ލިންކުގައި ބުނާ މައުލޫމާތުތައް ޙިއްސާ ނުކުރަން އެ ބޭންކުން އެދެއެވެ.
މީގެ އިތުރުން، އީމެއިލް އަދި އެސްއެމްއެސް މެދުވެރިކޮށް އަންނަ ޝައްކުކުރެވޭ މެސެޖް، ޕޮޕް އަޕް ވިންޑޯސް، ލިންކް އަދި އެޓޭޗްމަންޓް ނުހުޅުވުމަށާއި، ވަން ޓައިމް ޕާސްވޯޑް ނުވަތަ އޯޓީޕީ އަކީ ސެކިއުރިޓީ އަށް ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސައްހަ މުއާމަލާތެއްކަމަށް ހީވި ނަމަވެސް އެއްވެސް ފަރާތަކާ އޯޓީޕީ ހިއްސާނުކުރަން ވެސް އެ ބޭންކުން އެދެއެވެ.
އަދި ބޭންކިން ޕާސްވޯޑް އަދި އީމެއިލް ޕާސްވޯޑް ދޭތެރެދޭތެރެއިން ބަދަލުކުރުމާއި، ޕާސްވޯޑް ބަދަލުކުރާއިރު އެހެން ފަރާތްތަކަށް ހިޔާރުކުރަން އުނދަގޫ ޕާސްވޯޑެއް ބޭނުންކުރުމުގެ އިތުރުން، ބްރައުޒާގައި އީމެއިލް އަދި ބޭންކިން ޕާސްވޯޑް ސޭވް ނުކުރުމަކީ ވެސް މުހިއްމު ކަމެކެވެ. އެއީ އީމެއިލް އެކައުންޓް ކޮންޕްރޮމައިޒް ވެއްޖެނަމަ، ސޭވްކޮށްފައިވާ ޔޫސާ ނޭމް އަދި ޕާސްވޯޑްތައް ސްކޭމް ހިންގާ ފަރާތްތަކަށް ފަސޭހައިން ލިބުމުގެ ފުރުސަތު އޭގެ ސަބަބުން އޮންނާތީ ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލްގެ އޭޓީއެމްއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ބީއެމްއެލް އިން އިތުރަށް ބުނީ ވެބްސައިޓް ލިންކް ރަނގަޅަށް ޗެކް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން އިންޓަނެޓް ބޭންކިންގ ފަދަ ސެކުއާ ސައިޓްތަކުގައި އެޑްރެސް ހިމެނޭތަނުގައި 'ލޮކް' (ތަޅެއް) ނިޝާނެއް ފެންނާނެ ކަމަށާއި އެއްވެސް ލިންކެއް މެދުވެރުކޮށް އިންޓަރނެޓް ބޭންކިންގ އަށް ނުވަންނާނެ ކަމަށާއި، ސްކޭމް ކުރާ ފަރާތްތަކުން ޔޫސަރނޭމް އަދި ޕާސްވޯޑް ހޯދުމަށް އިންޓަރނެޓް ބޭންކިންގ އާއި ވައްތަރު ވެބް ޕޭޖް ހަދައިގެން މި މައުލޫމާތުތައް ހޯދާ ކަމަށް އެ ބޭންކުން ބުނެއެވެ.
ބޭންކުން ފޮނުވާ ނޯޓިފިކޭޝަން އަބަދުވެސް ބަލުމަށް އެ ބޭންކުން އިލްތިމާސް ކުރެއެވެ. އެގޮތުން ބީއެމްއެލް އިން ރަޖިސްޓްރީކޮށްފައިވާ އީމެއިލް އަށް، ލޮގިންވާ ކޮންމެ ފަހަރަކު އިންޓަނެޓް ބޭންކިން ލޮގިން ނޮޓިފިކޭޝަން ފޮނުވާނެ ކަމަށާއި، އަމިއްލައަށް ލޮގިންނުވާ ނޯޓިފިކޭޝަންއެއް އައިސްފިކަމުގައިވާނަމަ ނުވަތަ ލޮގިން އާ ބެހޭ މައުލޫމާތު އެހެން ފަރާތަކަށް ލިބިފައިވާ ކަމަށް ޝައްކު ކުރެވޭނަމަ، ވީހާވެސް އަވަހަކަށް ޕާސްވޯޑް ބަދަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ ބޭންކުން ބުނެއެވެ.