06 Mar 2023, 16:33
ދިވެހިރާއްޖޭގެ ވޯޓު ލެވޭ އާބާދީގެ، 42 އިންސައްތަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫޅޭ މީހުންކަން އިލެކްޝަންސް ކޮމިޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 283،272 މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ އޭގެ ތެރެއިން 120،337 މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫޅޭ މީހުން ކަމަށެވެ. އަދި، ބާކީ ތިބި 162،935 މީހުންނަކީ އެކިއެކި ސިޔާސީ ޕާޓީތަކުގައި އުޅޭ މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ސިޔާސީ ޕާޓީތަކުގައި އުޅެނީ ވޯޓު ލެވޭ އާބާދީގެ 58 އިންސައްތަ މީހުންނެވެ. ބާކީ 42 އިންސައްތަ މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނޫޅޭ މީހުންނެވެ.
މި ވަގުތު ރާއްޖޭގައި އޮތީ 11 ސިޔާސީ ޕާޓީއެކެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ އެންމެ ގިނަ ދުވަސްވީ މޯލްޑިވިއަން ޑިމަކްރަޓިކް ޕާޓީ (އެމްޑީޕީ)ގައެވެ. ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ.
އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް މެންބަރުން ބެހިފައިވާ ގޮތް:
އެމްޑީޕީ 57،660 މެންބަރުން
ޕީޕީއެމް 38،704 މެންބަރުން
ޖުމްހޫރީ ޕާޓީ 22،607 މެންބަރުން
އެމްޑީއޭ: 10،386 މެންބަރުން
އަދާލަތު ޕާޓީ: 9،786 މެންބަރުން
އެމްއެންޕީ: 9،838 މެންބަރުން
ޕީއެންސީ: 3،159 މެންބަރުން
އެމްޓީޑީ: 3،016 މެންބަރުން
އެމްއާރްއެމް: 2،981 މެންބަރުން
އެމްއެލްއެސްޑީޕީ: 2،556 މެންބަރުން
ޑީއާރްޕީ: 2،242 މެންބަރުން
މި އަހަރުގެ ރިޔާސީ އިންތިޚާބަށް ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ރާއްޖޭގެ މަލްޓި ޕާޓީ ޑިމަކްރަސީއެއް ގާއިމުކޮށް، ސިޔާސީ ޕާޓީތައް އުފެއްދުމުގެ ހުއްދަ ދިނީ 2004ވަނަ އަހަރު އާ ގާނޫނު އަސާސީގެ ދަށުންނެވެ. އެއަށް ފަހުގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ އެމްޑީޕީއެވެ. ދެވަނައަށް ރަޖިސްޓްރީ ކުރެވުނު ޑީއާރްޕީގައި އިސްކޮށް ތިއްބެވި ބޭފުޅުން ޕީޕީއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް ހެދުމާ އެކު އެ ޕާޓީ ވަނީ ވަރަށް ބޮޑަށް ބޮއްސުންލައިފައެވެ. ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ޕާޓީ އުވައިލަން ނިންމައިފައެވެ.