ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ބާރު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދޭން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލުން ފާސްކޮށްފިއެވެ.

މިދިޔަ މަހު އޮތް ޖޭޕީގެ ކޮންގްރެސް އިން ވަނީ މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އިސްވެ އޮވެ، ވާދަކުރަން އެ ޕާޓީގެ ކައުންސިލަށް ލަފާދޭން ނިންމައިފައެވެ. އެކަމާ ގުޅިގެން މިއަދު އެ ޕާޓީގެ މައި ހަރުގެ މ. ކުނޫޒުގައި އޮތް ކައުންސިލް ބައްދަލުވުމަށް ވަނީ ގަރާރެއް ހުށަހަޅައިފައެވެ.

ޖޭޕީގެ ކައުންސިލް މެންބަރު މުހައްމަދު ނާޒިލް ހުށަހެޅުއްވި އެ ގަރާރުގައި ވަނީ އެ ނިންމުން ކައުންސިލަށް ގެނެސް، އެ ޕާޓީގެ ލީޑަރު ގާސިމަށް ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރުމުގެ ބާރު ދޭން ނިންމައިފައެވެ. އެހެންވެ، މިއަދުގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ކޯލިޝަން ހެދުމާއި އަދި ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރުމުގެ ބާރު ގާސިމަށް ދޭން ނިންމައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމާ މެދު ޖޭޕީއިން ވެސް އަދި ގާސިމް ވެސް މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

ކޯލިޝަން ހެދުމާއި އަދި ރިޔާސީ އިންތިޚާބާ ގުޅޭ މަޝްވަރާތައް ކުރުމުގެ ބާރު ގާސިމަށް ދީފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޓިކެޓު ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ގެންދަވަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީން ނާކާމިޔާބުވި، ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މި ފަހަރުގެ އިންތިޚާބުގައި ގާސިމް ވާދަކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް ލޮބީ ކުރައްވަމުންނެވެ. އަދި، މިއީ އެ ޖޭޕީއަށް ލިބޭ 'ރަނުގެ ފުރުސަތެއް' ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި މި ވަގުތު އޮތް ތިންވަނައަށް އެންމެ މީހުން ގިނަ ސިޔާސީ ޕާޓީ، ޖޭޕީގައި 18،000އެއްހާ މެންބަރުން ތިބެއެވެ. އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ.

އެކަމަކު އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީގެ ހިއްސާވާ ކޯލިޝަނަކުންނެވެ.