02 Aug 2010, 15:18
19:00
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށާއި، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ބޭފުޅުން ޢައްޔަން ކުރައްވައިފި އެވެ. އަދި އެ އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް މެންބަރުން ވަނީ ޢައްޔަން ކުރައްވައިފަ އެވެ.
މި ބޭފުޅުން މި ޢައްޔަން ކުރެއްވީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި މި ބޭފުޅުން ޢައްޔަން ކުރެއްވުމަށް އެ މަޖިލީހުން ރުހުން ދެއްވާފައިވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ ގއ. ވިލިނގިލި، ވައިޖެހޭގޭ ޔަޒީދު މުޙަންމަދެވެ. އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޢައްޔަން ކުރެއްވީ މާލޭ މުނިސިޕަލްޓީ ޚާއްޞަ ދަފްތަރު ޙަސަން ޒަރީރެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރެއްވި މެންބަރުންނަކީ، ހެންވޭރު ނޫކުރިކީލަ، ޢައްބާސް ޢާދިލް ރިޒާ އާއި، ގދ. ތިނަދޫ، ކުދިމާގޭ ހަސަން ވަހީދާއި، މާފަންނު މާމުލި، އަޙްމަދު މުޙަންމަދާއި، ހެންވޭރު ރީގަލްގޭ އާއިޝަތު ލުއުލުއާ ޙަސަނާއި، އއ. އުކުޅަސް، ފިފްޓީފްލާވަރ، އަލްއުސްތާޛު ޙުސައިން ސިރާޖެވެ.
މި ބޭފުޅުން މި ކަންކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، މިބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވީ، އެބޭފުޅުންނަކީ އެންމެ އެކަށީގެންވާ ބޭފުޅުން ކަމަށްވާތީ ކަމަށާއި، ނަންތައް ފޮނުއްވުމުގައި ސިޔާސީ ވިސްނުންފުޅެއް ގެންގުޅުއްވާފައިނުވާނޭ ކަމުގައި ވިދާޅުވި އެވެ. އަދި އެބޭފުޅުންގެ މަސައްކަތް ވަރަށް އެކަށީގެންވާ ގޮތުގައި ކޮށްދެއްވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީން ކަމެއް އެބައޮތް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މި މުއައްސަސާ ވަރުގަދަ ކުރުމަށް އެހީތެރިވެދެއްވުމަށް އެކުވެރި ދައުލަތްތަކުންނާއި ޚާއްޞަކޮށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ތިއްބެވި ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަސައްކަތްތަކާ ސަރުކާރުން ނުބެހޭނެ ކަމަށާއި، އެ އޮތޯރިޓީގެ ފަރާތުން ސަރުކާރުގައި އެދޭ ކޮންމެ ކަމެއް ޤާނޫނުގެ ދާއިރާގެ ތެރެއިން ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.