06 Mar 2023, 16:23
އަންމާން (6 މާޗް 2023): އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އުރުދުންއަށް ވަޑައިގެން އެގައުމުގެ ރަސްގެފާނު އަބްދުﷲ ދެވަނައާ ބައްދަލުކުރައްވައިފިއެވެ.
އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން ބުނާގޮތުން އޮސްޓިންގެ ދަތުރުގެ މައިގަނޑު މަގްސަދަކީ މެދުއިރުމަތީގައިވާ އެމެރިކާގެ މަސްލަހަތުތަކަށް އީރާނުގެ ސަބަބުން ކުރިމަތިވާ ނުރައްކާ ކުރިމަތިލުމަށް އެސަރަހައްދުގައިވާ އެމެރިކާގެ ބައިވެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކެއް ހޯދުމެވެ.
އީރާން އަސްކަރީ ގޮތުންނާއި ނުފޫޒުގެ ގޮތުން ބާރުގަދަވަމުންދިޔުމަކީ އިސްރާއީލުގެ އަނިޔާވެރިކަން ހިމާޔަތްކޮށް ފަލަސްތީނުގެ ބިމުގައި އިސްރާއީލު ވަކި ހިއްޕައިގެން އޮންނަ އޮތުމަށް ނުރައްކާވާނެ ކަމެއްކަމަށް އެމެރިކާ ދެކެއެވެ. އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތަށް ނުރައްކާވުމަކީ އެމެރިކާގެ ބައިވެރިންގެ ގޮތުގައި ސިފަކުރެވޭ މިސްރާއި އުރުދުން އަދި ސައޫދީ އަރަބިޔާފަދަ އަރަބި ގައުމުތަކުގެ މަސްލަހަތަށްވެސް ނުރައްކާވުންކަމަށް އެމެރިކާ ސިފަކުރެއެވެ.
އެހެންކަމުން އީރާނުގެ ނުރައްކާ މިގައުމުތަކަށް އޮތްކަމަށްބުނެ ޕެންޓަގަންއިންވަނީ އީރާނާ އޮސްޓިންގެ ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ އީރާނާ ކުރިމަތިލުމުގައި އެމެރިކާގެ ބައިވެރިންގެ ގޮތުގައިތިބި އަރަބި ގައުމުތަކާއެކު އެމެރިކާ ދެމިއޮންނާނެކަމުގެ ޔަގީންކަން އެގައުމުތަކަށް ދިނުން ކަމަށް ބުނެފައެވެ.
އިސްރާއީލުން ކޮންމެދުވަހަކު ފަލަސްތީނުގެ އާންމުންނަށް ހަމަލާދީ ފަލަސްތީނުގެ ރައްޔިތުން ޝަހީދުކޮށް އެތައް ސަތޭކަ ބަޔަކު ޒަޚަމްކޮށް ފަލަސްތީނު މީހުންގެ ގެދޮރުތަޅައި ގެދޮރުގައި ހުޅުޖެހުންފަދަ ލާއިންސާނީ ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތައް އިސްރާއީލާއި ފަލަސްތީނުގައި ވަޒަންވެރިކޮށްފައިވާ ޔަހޫދީ ވަޒަންވެރިން ހިންގަމުން ގެންދިޔަނަމަވެސް އެމެރިކާ ދެކޭގޮތުގައި އަރަބިންނަށް ނުރައްކަލީ އިސްރާއީލެއް ނޫނެވެ. އީރާނެވެ.
އެމެރިކާ ދެކޭ ގޮތުގައި އީރާނުން ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމާއި ބަލިސްޓިކް މިސައިލް އުފެއްދުމާ ޑްރޯންފަދަ ޒަމާނީ ހަތިޔާރު އުފެއްދުމާ އަދި އިސްރާއީލާ ދެކޮޅަށް ހިޒްބުﷲ އާއި ފަލަސްތީނުގެ ޖަމާއަތްތަކުން ކުރާ ޖިހާދަށް އީރާނުން ވާގިވެރިވުމަކީ މެދުއިރުމައްޗަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
އީރާނު އަސްކަރީގޮތުން ބާރުގަދަވުމަކީ އިސްރާއީލު އަސްކަރީގޮތުން ބޭނުންކުޅިއެއްކުޅެ މުޅި ސަރަހައްދު އަޅުވެތިކުރުމަށް އިސްރާއީލުކުރާ މަސައްކަތްތަކަށް އެޅޭ ހުރަހަކަށް ވިޔަސް އެކަން އެމެރިކާ ސިފަކުރަނީ އެއީ އަރަބިންނަށްވެސް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. އެހެންކަމުން އީރާނުގެ މިކަންކަމާބެހޭގޮތުން އުރުދުން މިސްރު އަދި އިސްރާއީލުގެ މަސްއޫލުވެރިންނާ އޮސްޓިން މަޝްވަރާ ކުރައްވާނެކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ބުނެއެވެ.
އިސްރާއީލު ފަހަތުގައި އޮވެގެން އީރާނުގެ އިދިކޮޅު ފަރާތްތައް ލައްވައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ އީރާނުގެ އެތެރޭގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އެމެރިކާ އޮންނަނީ ލޯމަރާލައިގެންނެވެ. ނަމަވެސް އެމެރިކާ ގެންދަނީ އިސްރާއީލުގެ މިފަދަ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އިސްރާއީލުގެ އާގުބޯޓުތަކަށް ދޭ ޑްރޯން ހަމަލާތައް ކުށްވެރި ކުރަމުންނެވެ. މިއީވެސް އީރާނުގެ ފަރާތުން ސަރަހައްދަށް ކުރިމަތިވާ ނުރައްކަލެއްގެ ގޮތުގައި އެމެރިކާ ގެންދަނީ ސިފަކުރަމުންނެވެ.
އަނެއްކޮޅުން ސައޫދީ އާއި ޔޫއޭއީ ފަދަ ގަލްފުގެ އަރަބި ގައުމުތަކާއި އިރާގު ފަދަ ގައުމުތަކުން ޗައިނާއާ ގުޅުންތައް ބަދަހިކުރަމުން ގެންދިޔުމަކީވެސް އެމެރިކާގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެކެވެ. މިކަންވެސް އެމެރިކާ ސިފަކުރަނީ ނުރައްކަލެއްގެ ގޮތުގައެވެ. ނުރައްކަލެއް ނެތްކަމަށް އެމެރިކާ ދެކެނީ މެދުއިރުމަތީގައި އިސްރާއީލު ހިންގާ ޖަރީމާތަކާ އަދި ސަރަހައްދަށް އަތްގަދަ ކުރުމަށް އެމެރިކާ ހިންގާ އަމަލުތައް އެކަންޏެވެ.
ނަމަވެސް ޗައިނާގެ ނުފޫޒާބެހޭގޮތުން އުރުދުން މިސްރު އަދި އިސްރާއީލުގެ މަސްއޫލުވެރިންނާ މަޝްވަރާ ކުރެއްވުން އެމެރިކާގެ ދިފާއީ ވަޒީރު އޮސްޓިންގެ މިދަތުރުފުޅުގައި ނުހިމެނެއެވެ.
އޮސްޓިން މެދުއިރުމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިސްރާއީލަށް ވަޑައިގެން އެގައުމުގެ އިސްވެރިންނާ ކުރައްވާ މަޝްވަރާތަކުގައި، އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލާ އަދި ޔަހޫދީ ވަޒަންވެރިން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގާ އުދުވާނުގެ ސަބަބުން ހިނގާ ހަމަނުޖެހުންތައް މައިތިރި ކުރުމާބެހޭގޮތުންވެސް ވާހަކަދައްކަވާނެކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ބުނެއެވެ.
އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތު ބިނާވެފައިވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ އަނިޔާތަކާއި އިސްރާއީލުން ފަލަސްތީނަށް ވެރިވެގެންފައިވާ މައްސަލަ އޮއްބާލައި އޭގެބަދަލުގައި މައްސަލައަކީ އީރާނުގެ ނުރައްކާ ކަމަށް ހެދުމުގެ މައްޗަށެވެ. ނަމަވެސް ކޮންމެ ދުވަހު އިސްރާއީލުގެ އަނިޔާވެރިކަމުގައި ފަލަސްތީނުގެ ރައްޔިތުންދަނީ ޝަހީދުވަމުންނެވެ. އަނެއްކޮޅުން އެމެރިކާ ގެންދަނީ ސޫރިޔާ ސަރުކާރުގެ ހުއްދައަކާ ނުލައި ސޫރިޔާގެ އުތުުރުގެ ސަރަހައްދުތަކަށް އަސްކަރީގޮތުން ވަދެގަނެ އެތަނަށް އަތްގަދަކޮށް ސޫރިޔާގެ ތެޔޮ ވަގަށް ނަގައި ސޫރިޔާގެ ހަނގުރާމަވެރި ބާޣީ ޖަމާއަތްތަކަށް ވާގިވެރިވަމުންނެވެ.