މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާ ފަރާތްތަކަށް ޚާއްސަ އިނާމުތައް ލިބޭ ޕްރޮމޯޝަނެއް އެ ބޭންކުން ފަށައިފިއެވެ.

އެ ބޭންކުން ބުނީ އެމްއައިބީގައި އެކައުންޓު ހުޅުވަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން މިދިޔަ މަހުގެ 25 އިން ފެށިގެން މި ފެށޭ ރަމަޟާން މަހުގެ ނިޔަލަށް ކޮންމެ ހޮނިހިރު ދުވަހަކު އެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 09:30 އިން ފެށިގެން މެންދުރުފަހު 02:00އާ ހަމައަށް މާލެ އާއި ހުޅުމާލެ ބްރާންޗުގައި އެކައުންޓު ހުޅުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެއެވެ.

އަދި ރަސްމީ ހުރިހާ ދުވަހެއްގައި އެކައުންޓު ހުޅުވުމުގެ ޚިދުމަތް ބޭންކުން ދެމުންގެންދާ ވަގުތު އެ ބޭންކުން ވަނީ އިތުރުކޮށްފައެވެ. އެގޮތުން އެކައުންޓާ ގުޅޭ ޚިދުމަތްތައް ދެމުންދާ ވަގުތު ވަނީ ހެނދުނު 08:30 ފެށިގެން މެންދުރުފަހު 03:30އާ ހަމައަށް އިތުރުކޮށްފައެވެ.

އެމްއައިބީއިން ބުނީ އެ ދުވަސްތަކުގައި އެކައުންޓު ހުޅުވުމުގެ އިތުރުން، އެކައުންޓުގެ މައުލޫމާތު އަދާ ހަމަކުރުމާއި، ވިސާ ކާޑަށް އެޕްލައިކުރުމާއި، އިންޓަނެޓް ބޭންކިންގެ ޚިދުމަތަށް ވެސް އެދެވޭނެއެވެ.

މިދުވަސްތަކުގައި ފަރުދީ ސޭވިންގްސް، ކަރަންޓް އެކައުންޓު، ކިޑްސް އެކައުންޓު، ކާމިޔާބު ކިޑްސް އެކައުންޓް، ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް، އަދި ހައްޖު ސޭވިންގްސް އެކައުންޓުވެސް ހުޅުވުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ފޯމު ފުރައިގެން ބޭންކަށް ދާ ފަރާތްތަކަށް އެކްސްޕްރެސް ސާވިސް ވެސް ލިބޭނެއެވެ.

މީގެ އިތުރުން، އެމްއައިބީގައި އެކައުންޓު ހުޅުވާ ފައިސާ ރައްކާކުރާ ފަރާތްތަކަށް "ސޭވް ވިތް އެމްއައިބީ"ގެ ނަމުގައި ޕްރޮމޯޝަނެއް ވެސް އެ ބޭންކުން އަންނަނީ ހިންގަމުންނެވެ. މި ޕްރޮމޯޝަންގެ ދަށުން އެމްއައިބީގައި ކޮންމެ މަހަކު އެކައުންޓު ހުޅުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް ކޮންމެ މަހަކު އިނާމެއް ލިބެއެވެ. އެގޮތުން މާޗު މަހުގެ އިނާމުގެ ގޮތުގައި ހުށައަޅާފައިވަނީ ޒުވާނުންގެ މެދުގައި މަގުބޫލު ޖިގިން ސެޓަޕެކެވެ.

ހަމަ އެހެންމެ، ބޭންކުގެ އެންމެ މަގުބޫލު އެއް ސޭވިންގްސް އެކައުންޓު ކަމުގައިވާ ހައްޖު ސޭވިންގްސް އެކައުންޓު ހުޅުވައި ފައިސާ ރައްކާކުރުމުން ގުރުއަތުން ހޮވޭ 10 ފަރާތަކަށް 5،000 ރުފިޔާގެ ހަދިޔާއެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ހައްޖަށް ނުވަތަ އުމްރާއަށް ދިޔުމަށް ގަސްތުކުރާ މީހުންނަށް، ފައިސާރައްކާކުރުމަށް އެހީ ވެދިނުމުގެ މަގުސަދުގައި އެ ބޭންކުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަކީ މިހާރު ގިނަ ބަޔަކު މުސާރަ ޖަމާކޮށް ފައިސާ ރައްކާކުރަމުން ގެންދާ ބޭންކެކެވެ. އެމްއައިބީގެ ކާޑުން، ރާއްޖޭގެ ވިސާ ކާޑު ގަބޫލުކުރާ ކޮންމެ ފިހާރައަކުންވެސް އިތުރު ޗާޖަކާ ނުލާ ވިޔަފާރިކޮށްލެވެއެވެ.

އަދި އެބޭންކުގެ ވިސާ ޕްލެޓިނަމް ކާޑުން ރާއްޖޭން ބޭރުން ވިޔަފާރިކޮށްލުމަށް ފްލެކްސިބަލް ލިމިޓްތަކާއެކު ވަނީ ކަސްޓަމަރުންނަށް ފަހިކޮށްދީފައެވެ. އަދި، ފައިސާ ޖަމާކޮށް ނެގޭ އޭޓީއެމްތަކާއި ޒަމާނީ އިންޓަރނެޓް ބޭންކިންގެ ޚިދުމަތް އެ ބޭންކުން ދަނީ ފޯރުކޮށްދެމުންނެވެ.