ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމަށް މި ހަފުތާގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އެ ހަތް ރަށުގައި ހޮސްޕިޓަލް އަޅާނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާން ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ވެންޓިލޭޓަރުގެ ހިޔާނާތާ ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު ހާޒިރުކުރުމުން މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ހަތް ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑާ މަރުޙަލާގައި ކަމަށެވެ. އަދި މިހާރު އެ މަރުޙަލާގެ އިވެލުއޭޝަން ޕްރޮސެސް ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދުގެ މަޖިލީހުގައި މެމްބަރު އަލީ ރިޒާ ވަނީ އެ ހޮސްޕިޓަލުތަކުގެ މަސައްކަތް ލަސްވާ ސަބަބުތަކާއި، އެއްބަސްވުންތަކުގައި ސޮއި ކުރެވޭނެ ދުވަސްތަކާ ބެހޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި ހަވާލުކުރާނެ ކަމަށެވެ.

"ކުވައިތު ފަންޑުގެ ހޮސްޕިޓަަލްތަކުން މިހާރު ޓެންޑާ މަރުހަލާގައި ހަތް ހޮސްޕިޓަލެއް ވާނެ. އިވެލުއޭޝަން ވަނީ ނިމިފައި. މި ހަފުތާގެ ތެރޭގައި އެވޯޑްކޮށް، ނޯ އޮބްޖެކްޝަނަށް ކުވައިތު ފަންޑަށް ފޮނުވާނަން،" އަމީރު ވިދާޅުވިއެވެ.

މި ހޮސްޕިޓަލުތައް އަޅަން ނިންމާފައިވަނީ ހދ. ހަނިމާދޫ، ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައެވެ. މި ކޮންމެ ރަށެއްގައި ވެސް އަޅަން ހަމަ ޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލްތައް އަޅަން ސަރުކާރުން ހުޅުވާލީ ނިމިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.