ނިމިދިޔަ އަހަރުގެ މާޗް މަހާ ހަމައަށް ރާއްޖެއަށް އައި ފަތުރުވެރިންނާ އަޅާބަލާއިރު، މި އަހަރުގެ މާޗް މަހާ ހަމައަށް ރާއްޖެއަށް 70،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމިދިޔަ އަހަރުގެ މާޗް މަހުގެ އެއްވަނަ ދުވަހާ ހަމައަށް ރާއްޖެއަށް އައީ 285،978 ފަތުރުވެރިންނެވެ. އެކަމަކު މި އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 356،538 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ނިމިދިޔަ އަހަރާ އަޅާބަލާއިރު 24.7 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ޒިޔާރަތް ކުރީ ރަޝިޔާގެ ފަތުރުވެރިންނެވެ. ރަޝިޔާއިން 45،707 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއިރު، ނިމިދިޔަ އަހަރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިޔާއިން ރާއްޖެއަށް މިހާތަނަށް 38،982 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެ އިތުރުން، މި އަހަރުގެ މިހާތަނަށް ތިންވަނައަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. ނިމިދިޔަ އަހަރު ވެސް ތިންވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އެގައުމުން ކަމަށްވީއިރު، މި އަހަރުގެ މިހާތަނަށް އެ ގައުމުން 33،178 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ނިމިދިޔަ އަހަރު ނިމުނު އިރު، 179،312 ފަތުރުވެރިއަކު އިނގިރޭސިވިލާތުން ރާއްޖެއަށް ވަނީ އައިސްފައެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖޭގައި ހުރި 172 ރިސޯޓަކުން 168 ރިސޯޓު ދަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން އެ ރިސޯޓުތަކުން 41،049 އެނދު ދަނީ އޮޕަރޭޝަނުގައި ބޭނުންކުރަމުންނެވެ.

މި އަހަރަކީ ފަތުރުވެރިކަމުން ރާއްޖެއަށް ބޮޑު ކުރިއެރުމެއް ލިބޭނެ އަހަރެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން މި އަހަރު ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަކީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމެވެ.