18 Apr 2012, 11:15
ހައުސިން މިނިސްޓްރީ އިން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީގެ ސަހައްހަކަމާ މެދު ސުވާލުއުފައްދައި ސިޓީ ކައުންސިލުން ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެންބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީގެ ފަރާތުން ދަރުބާރުގެ ހޯދުމާ ބެހޭ އެއްވެސް މައްސަލައެއް ކޯޓަށް ހުށަނާޅާނެ ކަމަށާއި ނަމަވެސް ވަކި ކަންތައްތަކަށް އަމުރުކޮށް ހައުސިން މިނިސްޓަރު ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަކީ އެއީ ސައްހަ އެއްޗެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"ދަރުބާރުގެ ހޯދުމަށް އަޅުގަނޑުމެން ކޯޓަށް މައްސަލައެއް ހުށަނާޅަން. އަޅުގަނޑުމެން ހުށަހެޅީ ވަޒީރު އެ ފޮނުވާ ސިޓީތަކާއި ވަޒީރު އެ ނެރޭ އަމުރުތަކަކީ އެއީ ސައްޚަ އަމުރުތަކެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުނުކުރެވޭކަން،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ އިތުރުން ވެސް އިތުރު ތިން މައްސަލައެއް ކޯޓަށް ހުށަހެޅުމަށް ޓަކައި ގާނޫނީ ޓީމުން މިހާރު ތައްޔާރު ވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލަތަކެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"އެ މައްސަލައިގެ އިތުރުން ވެސް އިތުރު ތިން މައްސަލައެއް ކޯޓަށް ހުށަހެޅުމަށް އަޅުގަނޑުމެންގެ ގާނޫނީ ޓީމުން ދަނީ މަސައްކަތް ކުރައްވަމުން،" ޝުޖާއު ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ ސިޓީ ކައުންސިލުން މިހާތަނަށް އެއް މައްސަލަ ކޯޓަށް ވައްދާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވި އެވެ.
ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށުގައި ތިބި ސިވިލް ސާވިސްގެ 16 މުވައްޒަފުން ހައުސިން މިނިސްޓްރީގެ ދަށަށް ސިވިލްސާވިސް ކޮމިޝަނުން ބަލުކުރުމާ ގުޅިގެން ސިވިލްސާވިސް ކޮމިޝަންގެ މެންބަރުންނާއި ސިޓީ ކައުންސިލުން ބައްދަލުކުރައްވާފައިވާ ކަމަށާއި މުވައްޒަފުން ބަދަލުކުރުމުގެ ކަންތައް ކުރިއަށް ގެންދެވިފައި ވަނީ އެންމެ ރަނގަޅަކަށް ނޫންކަމަށް އެ ބޭފުޅުން ވެސް އެއްބަސް ވެވަޑައިގެންފައިވާ ކަމަށެވެ.
"ލަތީފް ވެސް ފަހުމީ ވެސް ހުރިހާ ބޭފުޅުން ވެސް އިއްތިފާގުވި އެ ކަން [މުވައްޒަފުން ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުން] ކުރެއްވީ އެންމެ ރަނގަޅަކަށް ނޫން ކަމަށް،" ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުން ބާރު ލިބިގެން ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ގަވާއިދެއްގައިވާ ގޮތުން މިނިސްޓްރީގެ ދަށުގައިވާ ތަންތަން ކައުންސިލްތަކާ ހަވާލުކުރުމަށް ފަހު އެތަންތަން އަލުން މިނިސްޓްރީއަށް ނެގޭނެ އުސޫލެއް އޮންނަ ކަމަށެވެ. އަދި ވިދާޅުވީ ލިޔެކިޔުންތަކުން އެނގޭގޮތުގައި ދަރުބާރުގެ މިހާރު އޮތީ ހައުސިން މިނިސްޓްރީ އަށް ބަދަލުކުރެވިފައި ކަމަށާއި އެހެންކަމުން ގާނޫނީ ހަމަތަކުން ބަލާ އިރު ދަރުބާރުގޭގެ މުވައްޒަފުންގެ ގޮތުގައި ތިބި 16 މީހުން ވެސް ތިބޭނީ ހައުސިން މިނިސްޓްރީގެ ދަށުގައި ކަމަށެވެ.
އޭނާ ވިދާޅުވީ ދަރުބާރު ގެއަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާތަނެއް ކަމަށް ކޯޓަކުން ކަނޑައަޅައިފި ނަމަ އެ 16 މުވައްޒަފުން ވަގުތުން ސިޓީ ކައުންސިލަށް ބަދަލުކުރާނެ ކަމަށެވެ.
"އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާ ބެހޭ ގާނޫނުން ބާރުލިބިގެން ކުރީގެ ސަރުކާރުން އެކުލާވާލާފަ އޮންނަ ގަވާއިދެއް އެބައޮވޭ. އެގަވާއިދުގައި އެބައޮވޭ ސިޓީ ކައުންސިލްތަކަށާއި ރަށު ކައުންސިލްތަކަށް ހަވާލުކުރާ ބިންތަކާއި ތަންތަން ސަރުކާރުން ކައުންސިލްތަކާ ހަވާލުކުރުމަށް ފަހު އަލުން ނެގޭނެ އުސޫލެއް. ލިޔެކިޔުންތަކުން އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މާލޭ ސިޓީ ކައުންސިލާއި ދަރުބާރުގެ ހަވާލުކުރުމަށް ފަހު މިވަނީ ހައުސިން މިނިސްޓްރީއަށް ބަދަލު ކުރައްވާފައި. ގާނޫނީ ހަމަތަކުން ބަލާއިރު މުވައްޒަފުން ތިބޭނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި،" ފަހުމީ ވިދާޅުވި އެވެ.