06 Mar 2023, 09:38
ދެކުނުގެ ބައެއް ރަށްތަކާއި މާލެއާ ދެމެދު މުދާ އުފުލާ ބޯޓެއް ކަމަށްވާ އައްޑޫ ސިޓީ ހިތަދޫ އާގަލާ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އެ ބޯޓު މިހާރު އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ ރޭ 2:47 ގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވެފައިވަނީ އިންޖީން ރޫމުގައެވެ.
އަލިފާން ރޯވުމާއެކު ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ.
ބޯޓުގައި ތިބީ ޖުމްލަ 15 މީހުން ކަމަށާއި އޭގެތެރެއިން 14 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ. އެ ބޯޓުގައި ތިބި 15 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެހީންނާއި ބަންގްލަދޭޝްގެ ފަސް މީހުންނާއި އިންޑިއާގެ ފަސް މީހުންނެވެ.
އޭގެ ތެރެއިން ސަލާމަތް ކުރެވުނު 14 މީހުން، ފުލުހުންގެ އެހީތެރިކަމާ އެކު މ. މުލީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެ ޚިދުމަތުން ބުންޏެވެ. އެކަމަކު، އެ މީހުންގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ.
ބޯޓުން ކަނޑަށް ފުންމާލި މީހުންގެ ތެރެއިން މިހާތަނަށް ނުފެނި ވަނީ އިންޑިއާގެ މީހެކެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން މިހާރު ވެސް އަންނަނީ ކުރަމުންނެވެ.
އެ ޚިދުމަތުން ބުނި ގޮތުގައި އަލިފާން ރޯވެ، ލިބުނު ގެއްލުމުގެ ސަބަބުން މިއަދު ހެނދުނު 8:20 ހާއިރު، އެ ބޯޓު ވަނީ އަޑިއަށް ގޮސްފައެވެ.