ބަޚްމުތު (6 މާޗް 2023): ޔުކްރެއިންގެ އިރުމަތީ ސިޓީއެއް ކަމަށްވާ ބަޚްމުތު ހިފަން ރަޝިއާ ކުރާ ހަނގުރާމައިގައި އާދަޔާ ޚިލާފަށް ބާރުގަދަ ބޮމެއްކަމަށްވާ ޔޫޕީއޭބީ – 1500 (UPAB-1500B) މަރުކާގެ ގްލައިޑް ބޮން ރަޝިއާ ސިފައިން ބޭނުންކުރަމުން ގެންދާކަމަށް ޔުކްރެއިނުން ބުނެފިއެވެ.

ޔުކްރެއިންގެ ވައިގެ ބާރުތަކުގެ ތަރުޖަމާނު ޔޫރީ އިގްނާތު ވިދާޅުވިގޮތުގައި ޔޫޕީއޭބީ – 1500 މަރުކާގެ ބާރުގަދަ ބޮން ރަޝިއާ ބޭނުންކުރަނީ އާދައިގެ ބޮމުން ހަލާކުކޮށްނުލެވޭ ޔުކްރެއިން ސިފައިންގެ ބިމުއަޑީގެ ބަންކަރުތަކާއި ވަރުގަދައަށް ހިމާޔަތްކޮށްފައިވާ ތަންތަން ހަލާކުކޮށްލުމަށެވެ.

ޔޫޕީއޭބީ – 1500 އަކީ ޔުކްރެއިން ހަނގުރާމައިގާ ރަޝިއާ މިހާތަނަށް ބޭނުންކޮށްފައިވާ ބޮމެއްނޫންކަމަށާއި މިއީ އެބާވަތުގެ ބޮން ބޭނުންކުރަން ރަޝިއާ ފެށި ފުރަތަމަ ފަހަރުކަމަށްވެސް އިގްނާތު ވިދާޅުވިއެވެ. ޔޫޕީއޭބީ – 1500 މަރުކާގެ ބޮމަކީ ވަރަށް ފަހުން ރަޝިއާ އުފައްދައިގެން އުޅޭ ޓެކްނޮލޮޖީއެކެވެ. މިބޮން އެންމެފުރަތަމަ ރަޝިއާއިން ދައްކާލާފައިވަނީ 2019 ވަނައަހަރު މޮސްކޯގައި ބޭއްވި އަސްކަރީ ޕެރޭޑެއްގައެވެ.

ބަޚުމުތުގައި ހިނގާ ހަނގުރާމަ

ރިޕޯޓްތައް ބުނާގޮތުން މިއީ އަމިއްލައަށް އަމާޒު ހޯދައިގެން ހަމަލާދޭ ބޮމެކެވެ. މިބޮން 40 ކިލޯމީޓަރަށް ދަތުރުކޮށް 40 ކިލޯމީޓަރުގެ ދުރުގައިވާ ތަންތަން ގޮއްވާލައެވެ. މިބާވަތުގެ ބޮން ޚާއްސަކޮށްފައިވަނީ ބިންގަރާސްތަކާއި ބިމުއަޑީގައިވާ ތަންތަނާއި ފަރުބަދަތަކުގެ ތެރޭގައި ވަރަށް ވަރުގަދައަށް ހިމާޔަތްކޮށްފައިވާ ތަންތަން ހަލާކުކޮށްލުމަށެވެ. މިއީ އަސްކަރީ ޖެޓްތަކުގައި 15 ކިލޯމީޓަރު މަތިންވެސް ހަމަލާދެވޭ ބާވަތުގެ ބޮމެކެވެ.

ޔުކްރެއިންގެ އިރުމަތީ ސިޓީއެއްކަމަށްވާ ބަޚްމުތުގައި ރަޝިއާ ސިފައިންނާއި ޔުކްރެއިން ސިފައިންނާ ދެމެދު މިހާރުދަނީ ވަރަށް ވަރުގަދައަށް ހަނގުރާމަ ހިނގަމުންނެވެ. ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި ޔުކްރެއިން ސިފައިންވަނީ ބަޚްމުތުގައި ހިސާރުކުރެވި ވަށާލެވިފައެވެ. އެމީހުންނަށް ހަތިޔާރާއި ކާބޯތަކެއްޗާ އެނޫންވެސް ސަޕްލައިތައް ލިބޭ މަގުތައް މިހާރުވަނީ ރަޝިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ. ނަމަވެސް ޔުކްރެއިނުން މިކަން ދޮގުކުރެއެވެ.

ޔުކްރެއިންގެ މަސްއޫލުވެރިންވަނީ ބަޚުމުތުގައި ޔުކްރެއިން ސިފައިން ހަނގުރާމަކުރަނީ ނޭވައި ހިފަހައްޓާލަންޖެހޭ ހާލަތެއްގައި ކަމަށް ވިޔަސް ހަނގުރާމައިގާ ޔުކްރެއިންގެ ހަމަލާތައް ވަރުގަދަކަމާއި އެހަމަލާތަކުގައި ރަޝިއާ ސިފައިން ގިނަ އަދަދަކަށް މަރުވާކަމަށް ބުނެފައެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން ބަޚްމުތުގެ ހުރިހާ ސަރަހައްދެއްގައިވެސް ހަނގުރާމަ ހިނގަމުންދާކަމަށްވެއެވެ. ދެފަރާތުގެ ސިފައިން ފިލައި ތިބެ ކުރަމުންގެންދިޔަ ހަނގުރާމަ މިހާރުވަނީ ފެންނަ ފަށުގައިކުރާ ހަނގުރާމައަކަށް ބަދަލުވެފައެވެ. ބަޚުމުތުގެ ސަރަހައްދުތަކުން ސިފައިން ދުވާ މަންޒަރާއި ހާސްވެގެން ސިފައިން ކޮޅުކޮޅު މައްޗަށް ދުވަމުންދާ މަންޒަރު ފެންނަ ވީޑީއޯތައް މިހާރުދަނީ ފެންނަމުންނެވެ.

ބަޚުމުތު ރަޝިއާގެ އަތްދަށަށް އެއްކޮށް ދިޔަކަން އަދި ކަށަވަރެއް ނުވެއެވެ. ނަމަވެސް ބަޚުމުތުގެ އާންމުންގެ ވަރަށް މަދުބަޔަކު ފިޔަވައި އެނޫން މީހުން ވަނީ އެސިޓީން ބޭރުވެ ރައްކާތެރިތަންތަނަށް ގޮސްފައެވެ. އަދި އެސިޓީގެ ބޮޑުބައި ކޮންޓްރޯލް ކުރަނީ ރަޝިއާގެ ބާރުތަކެވެ.

ޔުކްރެއިންގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި ބަޚްމުތުގައި ރަޝިއާ ހަމަލާނުދޭ އެންމެ އިމާރާތެއްވެސް މިހާރުނެތެވެ. އަދި ރަޝިޔާ ސިފައިން އެސިޓީގެ އާންމުންނަށްވެސް ނުބަލައެވެ. މުޅި ސިޓީ ސުންނާފަތި ކޮށްލައިގެން ނަމަވެސް ރަޝިއާ ގެންދަނީ އެސިޓީ އެއްކޮށް ހިފަން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ބަޚުމުތު ހިމާޔަތްކުރުމުގައި ޔުކްރެއިން ސިފައިންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ޔުކްރެއިންގެ މަސްއޫލުވެރިން ވަނީ އެއްބަސްވެފައެވެ.

ރަޝިއާ ބުނާގޮތުން ބަޚްމުތު މިހާރު އޮތީ އެއްކޮށް ހިސޯރުކޮށްފައެވެ. އަދި ޔުކްރެއިން ސިފައިންވަނީ އެސީޓީގެ ތެރޭގައި ތާށިވެފައެވެ. ރަޝިއާގެ ވެގްނާ ކުލީސިފައިންގެ ޖަމާއަތުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޒްހީން ބުނާގޮތުން ފުރާނަ ސަލާމަތްކުރަން އެދޭނަމަ އަމާން ދިނުން ނޫން ގޮތެއް ޔުކްރެއިން ސިފައިންނަށް މިހާރަކު ނެތެވެ.