ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ހައި ކޯޓަށް އައްޔަނު ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖުމްލަ 11 ފަނޑިޔާރުން ތިއްބަވަން ޖެހޭ ހައި ކޯޓުގައި މިވަގުތު ތިއްބެވީ ނުވަ ފަނޑިޔާރެކެވެ. ހައި ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް ދެ ފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. ފުރަތަމަ ފަހަރު ފަސް ބޭފުޅަކު ކުރިމަތިލެއްވިއިރު ދެވަނަ ފަހަރު ކުރިމަތިލެއްވީ ހަތަރު ބޭފުޅެކެވެ.

ދެވަނަ ފަހަރު ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ގާޒީ ޝަކީލް ހައި ކޯޓަށް އައްޔަނު ކުރެއްވުމަށް ޖޭއެސްސީން އިއްޔެ ފާސްކޮށްފައިވާކަން ވަނީ 'ސަން' އަށް ކަށަވަރުވެފައެވެ. އަދި ފުރަތަމަ ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި އެއްވެސް ބޭފުޅަކު ހައި ކޯޓަށް އައްޔަނު ކުރުމަށް ނުނިންމާ އަލުން އެ މަގާމަށް އިއުލާނު ކުރުމަށް ނިންމާފައިވާކަން ވެސް ވަނީ އެނގިފައެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި ޝަކީލް, ހައި ކޯޓަށް އައްޔަނު ކުރުމަށް ނިންމާފައިވާއިރު މީގެކުރިން ވަނީ ކްރިމިނަލް ކޯޓުން ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރެއްވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި އަލީ ރަޝީދު ހުސައިން, ސުޕްރީމް ކޯޓަށް އައްޔަނު ކޮށްފައެވެ.

ޝަކީލް އަކީ ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއިން ބެޗެލާ އޮފް ޝަރީޢާ އަދި މާސްޓާ އޮފް ޝަރީޢާ ހާސިލްކޮށްފައިވާ ބޭފުޅެކެވެ. 19 އަހަރު ފަނޑިޔާރުކަމުގައި މަސައްކަތްކުރައްވާފައިވާއިރު އެ މުއްދަތުގައި އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމެލީ ކޯޓު ގައި ވެސް މަސައްކަތް ކުރެއްވިއެވެ.

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުންނަށެވެ. އަދި ގާޒީއެއްގެ ގޮތުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހުންނަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ ގޮތުގައި މަހަކު 36،000 ރުފިޔާ ލިބޭއިރު ލިވިން އެލެވެންސެއްގެ ގޮތުން 15،000 ރުފިޔާއާއި ރިސްކް އެލަވަންސަކަށް 3300 ރުފިޔާ ދެއެވެ. އަދި ފޯނު އެލަވެންސާއި މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ދެއެވެ.