06 Mar 2023, 09:54
ރީތި މިއުޒިކާއެކު 2006ވަނަ އަހަރު ރިލީޒްކުރި ތްރިލާ ފިލްމު "އަކްސަރު"ގެ ލީޑް ރޯލްއަކަށް އެންމެ ފުރަތަމަ ހަމަޖެހުނީ ބަތަލާ ސެލީނާ ޖެއިޓްލީކަމަށް އޭނާ ބުނެފިއެވެ.
ސެލީނާ ބުނީ އެ ފިލްމު ދޫކޮށްލުމުގެ ފަހަތުގައި ވަނީ ވަރަށް ހިތްދަތި ހާދިސާއެއް ކަމަށެވެ. އިންޑިއާގެ ނޫސްވެރިޔާ ރާމާޗަންދްރަން ކުރި ޓްވީޓަކަށް ރައްދު ދެމުން ބަތަލާ ސެލީނާ ބުނީ މިފިލްމު ދޫކޮށްލަން ޖެހުނީ ފިލްމުގެ ޕްރޮޑިއުސަރު ނަރެންދްރަ ބަޖާޖްއާއި ޝްޔާމް ބަޖާޖް, އެ ފިލްމު ދޫކޮށްލަން އޭނާއަށް މަޖުބޫރުކުރުމުން ކަމަށެވެ.
ރާމާޗަންދްރަން ކުރި ޓްވީޓްގައި ވަނީ، ސެލީނާ އަކްސަރުގެ ސެޓުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް، އެޝޮޓް މިއަދާ ހަމައަށްވެސް ބެލުންތެރިންނާ ހަމައަށް އައިސްފައިނުވާކަމަށް ބުނެފައެވެ.
އެ ޓްވީޓަށް ރައްދު ދެމުން ސެލީނާ ބުނެފައިވަނީ، އަކްސަރުގެ ލީޑް އެކްޓަރު އިމްރާން ހާޝިމީއާއެކު އެ އަހަރު އިތުރު ފިލްމެއް ކުޅެން އޭނާ ސޮއިކުރި ކަމަށެވެ. އަދި ފިލްމު "އަކްސަރު"ގެ ޕްރޮޑިއުސަރުން އެކަމާ ހިތްހަމަނުޖެހުނީ އެއް އެކްޓަރަކާއެކު އެއް އަހަރެއްގައި އޭނާ މަސައްކަތްކުރުމަށް ސޮއިކުރުމާ ގުޅިގެންކަމަށް ސެލީނާވަނީ ބުނެފައެވެ.
ސެލީނާ ބުނީ އެމައްސަލަ އޭރު ގެންދިޔަގޮތާމެދު ވަރަށް ހިތްހަމަނުޖެހި ދެރަވިކަމުގައެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަށް އެއަށްވުރެ ރަނގަޅަށް މައްސަލަ ޙައްލުކުރެވުނީސްކަމަށް އޭނާ ވަނީ ބުނެފައެވެ.
ފިލްމު "ޖާނަޝީން"އިން 2003ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ސެލީނާއަކީ، 2001ވަނަ އަހަރު މިސް އިންޑިއާގެ ތާޖު ޙާސިލްކުރި ފަރާތެކެވެ. ސެލީނާގެ ފިލްމުތައް އެދުވަސްކޮޅު ރިލީޒްކުރި ނަމަވެސް އޭނާގެ ފިލްމުތަކަށް ބެލުންތެރިންގެ މާބޮޑު ތަރުހީބެއް ނުލިބެއެވެ.
އޮސްޓްރިއާގެ ވިޔަފާރިވެރިޔާ ޕީޓާ ހާގްއާއި 2011ވަނަ އަހަރު ކައިވެނިކުރުމަށްފަހު އޭނާގެ ދިރިއުޅުމުގެ ބޮޑުބައެއް ހޭދަކުރަނީ އެގައުމުގައެވެ. ސެލީނާއާއި އޭނާގެ ފިރިމީހާގެ ތިން ކުދިން ތިބެއެވެ. މީގެތެރެއިން ދެ ކުދިންނަކީ އެއްމާބަނޑު ދެ ކުދިންނެވެ. އަދި ފަހުން ސެލީނާ ވިހެއި އެއް މާބަނޑު ދެ ކުދިންގެތެރެއިން އެއް ކުއްޖަކުވަނީ ހިތުގެބަލީގައި ދުނިޔެދޫކޮށްފައެވެ.