06 Mar 2023, 09:29
އެކްޓަރު ރިތިކް ރޯޝަންއާއި ޒުވާން މިއުޒީޝަން ސަބާ އާޒާދް ކައިވެނިކުރަން އުޅޭކަމުގެ ޚަބަރުތައް ރިތިކްގެ އާއިލާއިން ދޮގުކޮށްފިއެވެ.
އެ އާއިލާއިން މިޚަބަރު ދޮގުކޮށްފައިވަނީ ބައެއް މީޑިއާތަކުން ރިތިކްއާއި ސަބާ މިއަހަރުގެ ނޮވެމްބަރު މަހުގެތެރޭ ކައިވެނިކުރާނެ ކަމަށް ރިޕޯޓްކޮށްފައި ވަނިކޮށެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާއިން ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަންއާ މިކަމާ ގުޅިގެން ސުވާލުކުރުމުން ބުނެފައިވަނީ މިފަދަ ވާހަކައެއް ރިތިކްގެ ފަރާތުން އަދި އެނގިފައިނުވާކަމަށެވެ.
ރިތިކްގެ އާއިލާގެ އިތުރުން އެހެން ގާތް ފަރާތަކުން ބުނެފައިވަނީ، ރިތިކްއާއި ސަބާގެ ކައިވެނީގެ ވާހަކަ ދެއްކުން އަދި އަވަސް ކަމަށެވެ. އަދި މީޑިއާތަކުން ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ނުފަތުރާ، ދެ ލޯބިވެރިންނަށް މިނިވަންކަން ދިނުމަށްވެސް އެ މީހާ ވަނީ މީޑިއާގައި އެދިފައެވެ.
ރިތިކް ރޯޝަން އެންމެ ފުރަތަމަ ކައިވެނިކޮށްފައިވަނީ 2000ވަނަ އަހަރު ކުޑައިރުގެ ލޯބިވެރިޔާ ސުޒޭން ޚާންއާއެވެ. ސުޒޭން ޚާންއަކީ ކުރީގެ ފިލްމުތަކުން ފެނިފައިވާ އެކްޓަރު ސަންޖޭ ޚާންގެ ދަރިފުޅެވެ. ދެ މީހުންގެ 13 އަހަރުވީ ކައިވެންޏަށް ނިމުން ގެނެސް ވަކިވީ 2014ވަނަ އަހަރުއެވެ. ވަކިވިއިރު ރިތިކްއާއި ސުޒޭންގެ ދެ ފިރިހެންކުދިން ތިއްބެވެ. މިއަދާ ހަމައަށްވެސް ދެ ފަރާތުންވެސް އަދި ދެ ފަރާތުގެ އާއިލާއިންވެސް ރިތިކްއާއި ސުޒޭންގެ ދެ ކުދިންގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވެއެވެ. ކުދިންގެ ޒިންމާތައް ނެގުމުގައި ދެ މީހުންވެސް ވަރަށް އެކުވެރިކަމާއެކު އުޅޭ އުޅުން ބޮލީވުޑްގެ އެހެން ފަންނާނުންވެސް ނަމޫނާއަކަށް ބަލައިގަނެއެވެ.
ރިތިކްއާއި ސަބާގެ ލޯބީގެ ގުޅުން މީޑިއާއިން ތިލަކުރުމާއެކު ދެ މީހުންގެ އުމުރުގެ ތަފާތު ހުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ރިތިކްއަށްވަނީ އަމާޒުވެފައިވެއެވެ. އުމުރުން 49 އަހަރުގެ ރިތިކްއާއި 37 އަހަރުގެ ސަބާވަނީ އާއްމުންގެ ފާޑުކިޔުންތަކަށް ބެލުމެއްނެތި ވަރަށް ފާޅުކަންބޮޑުކޮށް ބޮލީވުޑްގެ ތަފާތު އެކި ހަފުލާތަކުގައި ބައިވެރިވެފައެވެ. ހަމައެއާއެކު ރިތިކްގެ ކުރީގެ އަންހެނުން ސުޒޭން ޚާންއާއި ސަބާއަކީ ވަރަށް ގާތް ދެމީހުންނަށްވަނީ ވެފައެވެ. އަދި ސުޒޭންގެ ލޯބިވެރިޔާ އަރްސްލާން ގޯނީއަކީވެސް ރިތިކްއާއި ސަބާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.