ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ދެއްވާ ރަސްމީ ޖާފަތް މިއަދު މެންދުރު ކުރުނބާ މޯލްޑިވްސްގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރަސްމީ ޖާފަތަށް ދައުވަތު އަރުވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރިން ރައީސްކަން ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ދެކަނބަލުންނާއި ރައީސް މުހައްމަދު ނަޝީދުގެ ދެކަނބަލުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ވަޒީރުންނާއި ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނަށް ވެސް ރަސްމީ ޖާފަތަށް ދައުވަތު އަރުވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަސްމީ ޖާފަތަށް ރައީސް ޑރ. މުހައްމަދު ވަހީދާއި ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާސް ވަޑައިގަތުމާ އެކު ރާއްޖެ އާއި ފަލަސްތީނާ ދެ ގައުމުގެ ގައުމީ ސަލާމް ކުޅޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެއަށް ފަހު އެ ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވުން އޮންނާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ބަނޑޮހުގައި މިއަދު ބާއްވާ މިރަސްމީ ފަރިކޮޅަށް ކުރީގެ ރައީސުންނަށް ދައުވަތުދެއްވާފައިވާ އިރު ރައީސް ނަޝީދު މިވަގުތު ހުންނެވީ އިންޑިޔާގަ އެވެ.