ޖުމްހޫރީ ޕާޓީގެ ކޮންގްރެސްއަށް ފަހު ބާއްވާ، އެ ޕާޓީގެ ފުރަތަމަ ކައުންސިލް ބައްދަލުވުން މާދަމާއަށް ތާވަލްކޮށްފިއެވެ.

ކައުންސިލްގެ 150 ވަނަ ބައްދަލުވުން ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު ފަހު 14:00 އަށެވެ.

މި ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ ޖޭޕީގެ މެމްބަރޝިޕް ކޮމިޓީއާއި އިސްތިއުނާފް ކޮމިޓީ އަދި ސުލޫކީ ކޮމިޓީގެ އިންތިޚާބަށް ހުޅުވާލުމާ މެދު ގޮތެއް ނިންމުމަށެވެ. އަދި، ޕާޓީގެ އަސާސީ ގަވާއިދުގައިވާ މަގާމްތަކަށް ބޭފުޅުން އައްޔަން ކުރުމާމެދު ގޮތެއް ނިންމުމަށް ވެސް ވަނީ އެޖެންޑާކޮށްފައިވެއެވެ.

އެހެން ނަމަވެސް ކޮންގްރެސްގައި ހުށަހެޅުނު ގޮތަށް މި އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ކެނޑިޑޭޓަކު ނެރުމާ ގުޅޭ މައްސަލަ އެޖެންޑާގައި ނެތެވެ.

ޖޭޕީގެ ތަރުޖަމާނު އަލީ ޞާލިޙް މީޑިއާތަކަށް ވިދާޅުވީ، މިއަށް ވުރެ އިތުރު ތަފްސީލެއް މިވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ. މި ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މީޑިއާތަކަށް ނުވަދެވޭ ގޮތަށެވެ.

އަދުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކަށް ކުރިއަށް އޮތް އިންތިޚާބުގައި އެމަނިކުފާނަށް ތާއީދު ކުރައްވައި ކޯލިޝަން ހެއްދެވުމަށް ރައީސް ޞާލިޙް ދައުވަތު ދެއްވި ނަމަވެސް ޖޭޕީން އެ ދައުވަތު ގަބޫލުކޮށްފައެއް ނުވެއެވެ.

ފާއިތުވި ހަފްތާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްއާ ގާސިމް ބައްދަލުކުރައްވާފައިވާއިރު، ރައީސާއެކު ބޭއްވި ބައްދަލުވުމުގެ އެއްވެސް ތަފްސީލެއް ދެއްވަން ގާސިމް ވަނީ ދެކޮޅުހައްދަވާފައެވެ. ކަން މިހެން އޮތް ނަމަވެސް، އިންތިޚާބުގައި ކުރިއަށްދާނީ ކޯލިޝަނަކާއެކު ކަމަށާއި، ޖޭޕީ އަދި އެމްއާރްއެމަށް ދިން ދައުވަތުގެ ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް ހިރިލަންދޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީ ދެ ފެކްޝަނަށް ބައިބައިވެފައިވާއިރު، ރައީސް ނަޝީދުގެ ފެކްޝަނުން ޖޭޕީއާ ކޯލިޝަން ހަދަން މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާގައި އަޑުތައް ފެތުރިފައިވެއެވެ. އެކަމަކު އެއްވެސް ފަރާތަކުން އަދި މިފަދަ ވާހަކައެއް ރަސްމީ ސިފައެއްގައި ހާމަކޮށްފައެއް ނުވެއެވެ.