ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުން ކުރިޔަށް ދިޔައީ، ދޯހާގައި މިހާރު ކުރިޔަށްދާ، އދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސް ވަނަ ކޮންފަރެންސްގެ ހަވާސާގައި ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ.

އޭގެ އިތުރުން، ކޮވިޑުގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އިއާދަކުރުމަަށް ދެޤައުމުން ކުރާ މަސައްކަތްތަކާ، މޫސުމީ ބަދަލުތައް ފަދަ ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މެމްބަރުންގެ ހައިސިއްޔަތުން، މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރުމާއި ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވެސް ވަނީ ޝީޝެލްސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާ ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.