މޯބައިލް ފޯނެއް މަރާމާތު ކުރުމަށްފަހު އަގު ދެއްކުމުގެ ބަދަލުގައި ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި ތިން މީހަކު ހޯދަން މިއަދު އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ޢާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ތިން މީހުންނަކީ އަޅިވިލާ މަގުގައި ހުންނަ ފްރީޑަމް މޯބައިލް ސާވިސް އިން މަރާމާތުކުރި ފޯނަކަށް، އަގު އަދާކުރުމުގެ ގޮތުން ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ ބައެއް ކަމަށެވެ.

އެ ވީޑިއޯ އިން ފެންނަ ތިން މީހުން ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ މީހުން ކަމުގައި ފުލުހުން ބުންޏެވެ. ވީޑިއޯއިން ފެންނަނީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

ހޯދަމުން އަންނަ އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށް އެ އިދާރާއިން ވަނީ އާއްމުންގެ ކިބައިން އެދިފައެވެ.