18 Apr 2012, 10:10
ޓްރިޕޮލީ (މާޗް 18): އަލްޖަޒާއިރުން ޙިމާޔަތް ހޯދައިގެންތިއްބެވި ލީބިޔާގެ ކުރީގެ ޒަޢީމް މުޢައްމަރުލްޤައްޒާފީގެ ޢާއިލާގެ ބޭފުޅުންގެ ޙަރަކާތްތައް އެޤައުމުން ހިފަހައްޓާފައިވާ ކަމަށް ލީބިޔާގެ އިންތިޤާލީ ރައީސް މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވެއްޖެ އެވެ.
އަލްޖަޒާއިރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި މުސްތަފާ ޢަބްދުލްޖަލީލް ވިދާޅުވީ އަލްޖަޒާއިރުގެ ބިން ބޭނުންކޮށްގެން ލީބިޔާއަށް ގޯނާކުރުމުގެ އެއްވެސް ޙަރާކާތެއް ހިންގުމުގެ ފުރްސަތު ގައްޒާފީގެ ޢާއިލާގެ މެންބަރުންނަށް ނުދޭނެކަމުގެ ޔަގީންކަން އަލްޖަޒާއިރުގެ ރައީސް ޢަބްދުލްޢަޒީޒް ބޫތާ ފްލީޤާ ދެއްވާފައިވާ ކަމުގަ އެވެ.
މިއީ ލީބިޔާގެ އިންތިޤާލީ ރައީސް މުސްތަފާ ޢަބްދުލްޖަލީލް އެޤައުމުގެ އަވަށްޓެރި އަލްޖަޒާއިރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި ޢަބްދުލްޖަލީލް ވަނީ އަލްޖަޒާއިރުގެ ރައީސްގެ އިތުރުން އެޤައުމުގެ އެހެން އިސްވެރިންނާވެސް ބައްދަލުކުރައްވާފަ އެވެ.
ގައްޒާފީގެ ވެރިކަން ލީބިޔާގައި ވެއްޓުމާ އެކު އޭނާގެ އަނބިކަބަނލުންނާއި ދަރިކަނބަލުންނާއި ދެ ފިރިހެން ބޭފުޅުންނާއި އެބޭފުޅުންގެ ޢާއިލާތައް ސަރަހައްދީ ރޮނގު ހުރަސްކޮށް އެއްގަމުމަގުން އަލްޖަޒާއިރަށް ވަޑައިގެންވަނީއެޤައުމުންވަނީ ޙިމާޔަތް ހޯއްދަވާފަ އެވެ. ގައްޒާފީގެ ޢާއިލާ އަށް ޙިމާޔަތް ދިނީ އިންސާނީ ސަބަބުތަކަށްޓަކައި ކަމަށް އަލްޖަޒާއިރުން ތަކުރާރުކޮށް ބުނެފައިވެ އެވެ.
އަލްޖަޒާއިރުގެ ބިން ބޭނުންކޮށްގެން ލީބިޔާގެ މިހާރުގެ ސަރުކާރާދެކޮޅަށް އެއްވެސް ޙަރާކާތެއް ހިންގުމުގެ ފުރްސަތު ގައްޒާފީގެ ޢާއިލާގެ މެންބަރުންނަށް ނުދޭނެކަމަށް އަލްޖަޒާއިރުން ބުނެފައިވީ ނަމަވެސް ގައްޒާފީގެ އަންހެން ދަރިކަނބަލުން ޑރ. ޢާއިޝާ ގައްޒާފީ ވަނީ އަލްޖަޒާއިރުގައި ހުންނަވައިގެން ލިބިޔާގެ މިހާރުގެ ވެރިކަމާދެކޮޅަށް ބަހުގެ ވަރުގަދަ ޙަމަލާތަކެއް ރައްދުކުރައްވާފަ އެވެ.
މިމައްސަލާގެ ސަބަބުން އަލްޖަޒާއިރާއި ލިބިޔާއާ ދެމެދު ނުތަނަވަސްކަން އުފެދިގެން ދިޔަނަމަވެސް މިފަދަ ޢަމަލުތައް ހިންގާނަމަ މެހްމާންދާރީ ނިމުމަކަށް ގެންނަންޖެހިދާނެ ކަމުގެ އިންޒާރު އަލްޖަޒާއިރުގެ ސަރުކާރުން ޑރ. ޢާއިޝާ އަށް ދިނުމުން މައްސަލަވަނީ ފިނިވެފަ އެވެ. (އަލްޖަޒީރާ)