ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ފަލަސްތީނާއި ރާއްޖެ އާއި ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ފާހަގަކުރެއްވި އެވެ. އަދި ފަލަސްތީނަށް ކުރިމަތިވެފައިވާ ހަނގުރާމައާއި މެދު ރާއްޖެއިން ކަންބޮޑުވާ ކަމަށާއި، ފަލަސްތީނަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުން އޮންނަ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި މީގެ ކުރިން ރާއްޖެ އަށް ޒިޔާރަތް ކުރައްވާފައިވާ އެ ގައުމުގެ ރައީސް ޔާސިރު އަރަފާތުގެ ދަތުރުފުޅުގެ ހަދާން އަދިވެސް ދިވެހީން އާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ޑިމޮކްރެޓިކް ނިޒާމެއް ގާއިމް ކުރުމަށް ސަރުކާރުން ކުރަމުންް އަންނަ މަސައްކަތްތައް ފާހަގަކުރައްވައި ފާއިތުވެ ދިޔަ ތިން އަހަރު ރާއްޖެ އަށް ވަރަށް ގިނަ ކަންތައްތައް ހާސިލް ކުރެވިފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ދިވެހީން ތިބީ ފުރިހަމަ ޑިމޮކްރަސީގެ ނިޒާމެއް ރާއްޖެ އަށް ގެނައުމަށް އުންމީދުކޮށްގެން ކަމަށް ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެ އަށް ޒިޔާރަތް ކުރެއްވުމުގެ ފުރުސުތު ލިބުމުން އެކަމާ މެދު އުފާފާޅުކުރައްވާ ކަމުގައި ވިދާޅުވެ، ރާއްޖެ އިން އެ މަނިކުފާނަށް ލިބިގެންދިޔަ ހޫނު މަރުހަބާއަށް ޓަކައި ޝުކުރު އަދާކުރެއްވި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހޯދުމަށް އެ ގައުމުން ކުރަމުން ގެންދާ މަސައްކަތަށް ރާއްޖެ އިން އެއްބާރުލުން ދޭތީ، އެކަމަށްޓަކައި އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވައިފަ އެވެ. ފަލަސްތީނަށް ކުރިމަތިވެފައިވާ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށް އަދިވެސް ގިނަ ގުނަ މަސައްކަތްތައް ކުރެވެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ދުނިޔޭގެ 132 ގައުމުން ބަލައިގަންނާތީ އެއީ ފަލަސްތީނަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި ކައިރި މުސްތަގުބަލެއްގައި އިސްރާއީލާއެކު ދެކެވެމުންދާ ސުލްހައިގެ މަޝްވަރާތަކަށް އެދެވޭ ކުރިއެރުމެއް ލިބިގެންދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް ރައީސް އައްބާސް ވިދާޅުވި އެވެ.