ދިވެހިން ބަލިވުމުން އާންމުކޮށް ބޭނުންކުރާ ބުއިމެއް ކަމަށްވާ "ސަމާހަން" އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ސުޕަމޮޑެލް ނެއޯމީ ކެމްޕްބެލް ދަބަހުގައި އަބަދު ގެންގުޅޭ އެއްޗެއް ކަމަށް އޭނާ ބުނެފިއެވެ.

ރޯގާ ޖެހުމުން ނުވަތަ ކަރުގައި ރިއްސާ ނަމަވެސް ދިވެހިން އާންމުކޮށް ބުއިމަށް ބޭނުން ކުރާ އެކައްޗަކީ ސަމާހަން އެވެ. ކަރުގައި ރިއްސާ އިރަށް އާއިލާގެ ދުވަސްވީ މެމްބަރަކު އެންމެ ފުރަތަމަ ދިއްކޮށްލާނީ ސަމާހަން ޕެކެޓެކެވެ.

އެތައް އަހަރެއް ވަންދެއް ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ސަމާހަން އަކީ ޑޮކްޓަރުންގެ ލަފައާ އެކު ދޭ އެއްޗަކަށް ނުވި ނަމަވެސް އާންމުންގެ މެދުގައި ގިނައިން ބޭނުން ކުރާ އެއްޗެކެވެ. މިއީ ޑޮކްޓަރުން ލަފާ ދީގެން ބޭނުން ކުރާ ބޭހަކަށް ނުވި ނަމަވެސް މި ބޭނުން ކުރާ މީހުން ބުނާގޮތުގައި އެކި ފަސޭހަތައް ވާ އެއްޗެކެވެ.

އާންމުކޮށް ހަށިގަނޑުގެ ރައްކާތެރިކަމާއި ދުޅަހެޔޮ ކަމަށް ބޭނުންކުރާ ބައެއް މާއްދާތައް ސަމާހަންގައި ހިމެނެއެވެ. މިސާލަކަށް ކޮތަނބިރި އާއި އަސޭމިރުސް އަދި ދިރި ފަދަ ތަކެއްޗަކީ ސަމާހަންގައި ހިމެނޭ އެއްޗެއްސެވެ. މި ތަކެތީގައި ހިމެނޭ ބައެއް މާއްދާތަކަކީ އިންސާނާގެ ސިއްހަތައް ފައިދާ ހުރި މާއްދާތަކެކެވެ.

ދާދި ފަހުން ވޯގް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އިނގިރޭސިވިލާތުގެ މޮޑެލް ނެއޯމީ ވަނީ އޭނާގެ އަތް ދަބަހުގައި އަބަދުވެސް ގެންގުޅޭ އެއްޗެހި އާންމުކޮށްފައެވެ.

އެ ދަބަހުގައި އާންމުކޮށް ފެންނަ އެއްޗެހިތައް ހުރި ނަމަވެސް އާންމުކޮށް ހުޅަނގުގެ ތަރިންގެ ފަރާތުން އެއްގޮތަކަށް ވެސް ނުފެންނަ އެއްޗެއް ނެގިއެވެ. އެއީ ސަމާހަން ޕެކެޓެކެވެ.

ނެއޯމީ ބުނީ ސަމާހަން އަކީ އޭނާގެ ދަބަހުގައި އަބަދުވެސް ގެންގުޅޭ އެއްޗެއް ކަމަށެވެ. އަދި އެއީ އޭނާގެ އިމިއުނިޓީ ބޫސްޓު ކުރަން ވަރަށް ރަނގަޅު އެއްޗެއް ކަމުގައި ވެސް ނެއޯމީ ބުންޏެވެ.