18 Apr 2012, 10:09
މިސީޒަންގެ އޭއެފްސީ ކަޕުގައި ވެސް ހަތަރު މެޗްކުޅެ، އެ މެޗުތަކުގެ ތަޖުރިބާގެ އަލީގައި މިރޭ ނިއުރޭޑިއަންޓާ ދެކޮޅަށް ދިރާގު ދިވެހި ލީގުގެ އަލަތު މެޗް ކާމިޔާބު ކުރުމަށް ވީބީއޮތީ ތައްޔާރަށް ކަމަށް އެކުލަބުގެ މެނޭޖަރު އިބްރާހިމް ރަޝީދު(ސަތޯ) ބުނެފި އެވެ.
މެޗުގެ ކުރިން އިއްޔެ އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަތޯ ބުނީ، ނިއުއާ ދެކޮޅަށް ލީގުގެ ފުރަތަމަ މެޗަށް ނިކުނައިރު އަމާޒަކީ މޮޅުވުން ކަމަށެވެ. އަދި މިސީޒަންގައި ވީބިން ވަނީ ހަތަރު މެޗެއް ކުޅެފައި ކަމަށާއި އެހެން ކަމުން އެމެޗުތަކުގެ ތަޖުރިބާ މިރޭގެ ވާދަވެރި މެޗުގައި ނުހިފުނު ކަމުގައި ވިޔަސް، މިރޭގެ މެޗަކީ ލީގުގެ އަލަތު މެޗު ކަމުން، މެޗް ކާމިޔާބު ކުރުން ވަރަށް މުހިންމު ކަމަށެވެ.
"ޓެކްނިކަލް ގޮތުން ވިސްނާލާ އިރު މެމަޗަށް ނިކުނައިރު ހުރިހާ އެޑްވާންޓޭޖެއް ވީބީއަށް އޮވެދާނެ. އެކަމަކު މިއީ ދެ ޓީމަށް ވެސް ލީގުގެ އަލަތު މެޗް. އެހެންވީމަ ތަފާތު ތަކެއް ހުރެދާނެ. އޭއެފްސީ ކަޕުގައި މިކޫޅޭ ސްޓައިލާ ރާއްޖޭގަ ލޯކަލް މެޗްތައް ކުޅޭ ސްޓައިލް ވަރަށް ތަފާތު ވާނެ. މިމެޗަކީ ވީބީއަށް ވެސް އާތަޖުރިބާއެއް ނެރެވިދާނެ މެޗެއް." ސަތޯ ބުންޏެވެ.
ސަތޯ ބުނީ، މެޗުގައި ބަލިނުވެ ފަރުޖެއްސޭތޯ ވީބީން ވަރަށް މަސައްކަތް ކުރާނެ ކަމަށާއި އަދި ނިއު އަތުން މޮޅުވެގެން ފޭބުމަކީ ވީބީއަށް ލިބޭނެ ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ކަމަށެވެ.
ސަތޯ ބުނީ، ނިއުއާ ދެކޮޅަށް ނިކުންނަ އިރު، އެ ޓީމުގައި މުހިންމު ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި އެގޮތުން އެކުޅުން ތެރިންނަކީ މިދިޔަ ސީޒަނަގައި ވީބީގައި މުހިންމު ރޯލެއް އަދާކުރި ކުޅުންތެރިން ކަމަށެވެ. އަދި އެކުޅުން ތެރިންގެ ތެރޭގައި އަލީ އަޝްފާގު (ދަނގަޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ހިމެނުނު ކަމުގައި ވިޔަސ، އެކުޅުންތެރިންނަކީ ތަޖުރިބާ ކާރު މޮޅެތި ކުޅުންތެރިން ކަމަށެވެ.
"އަދި އަލީ އުމަރުގެ ވާހަކަ. އެކުޅުންތެރިންނަކީ އެކްސްޕީރިއަންސް ކުޅުންތެރިން. އެކުޅުންތެރިން މިފަހަރު ވީބީގައި ނެތުމަކީ ކަންބޮޑުވާކަމެއް" ސަތޯ ބުންޏެވެ.
މީގެއިތުން ސަތޯ ބުނީ، ދަގަނޑޭ އަކީ ވަރަށް ހާއްސަ ކުޅުންތެރިއެއް ކަމަށާއި އޭނާ ވީބީއަށް ކުޅުނުއިރު ބޭނުންކުރި ޖޯޒީ ނަމްބަރު ރިޒާވްކޮށްފައިވާ އިރު އެކަން ކުރީ އޭނަގެ ހަނދާން ކްލަބުން އާކުރުމުގެ ގޮތުން ކަމަށެވެ. އަދި މިސީޒަނަގައި ހަތް ނަންބަރު ޖޯޒީއެއް ޓީމުގެ އެއްވެސް ކުޅުންތެރިއަކު ނުލާނެ ކަމަށް ވެސް ސަތޯ ބުންޏެވެ.
"ދަނގަޑޭގެ ހަނދާން އަކުރުމުގެ ގޮތުން ވީބީން ވަނީ އޭނާ ކުޅުނު ހަތްނަންބަރު ރިޒާވް ކޮށްފައި. އެނަންބަރު ދެން ލިބޭނީ ދަގަނޑޭ އެނބުރި އައުމުން ނުވަތަ އޭނާ އަށް ވުރެ މޮޅު ކުޅުންތެރިޔަކު އައުމުން. ދަނގަޑޭ އާއި ގޯލްކީޕަރު އިމްރާން އަދި އަލީ އުމަރު ނެތުމުގެ ހިތްދަތިކަން އިހްސާސްކުރެވޭ." ސަތޯ ބުންޏެވެ.