ދިރާގު ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ވީބީ އައްޑޫ އެފްސީއާ ދެކޮޅަށް ނިކުންނައިރު، ނިއުރޭޑިއަންޓުގެ އެންމެ ބޮޑު އެއް އަމާޒަކީ ބަލިނުވެ ފޭބުން ކަމަށް އެ ކުލަބުގެ ކޯޗް މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މެޗުގެ ކުރިން އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މޯހަން ބުނީ، ވީބީއާ ދެކޮޅަށް ނިކުންނާނީ އާހިތްވަރަކާ އެކު ބަލިނުވެ ރަނގަޅު ނަތީޖާއެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ. އަދި މެޗް އެއްވަރުވެގެން ނިމިއްޖެ ނަމަ އެލިބުނީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވެސް މޯހަން ބުންޏެވެ.

"މޮޅުވުމަކީ ލިބޭ އިތުރު ބޯނަހެއް. މެޗުން ބަލިނުވެ ސަލާމަތް ވެއްޖެ ކަމަށް ވާނަމަ އެއީ ހިތް ހަމަޖެހޭ ވަރުގެ ނަތީޖާއެއް." މޯހަން ބުންޏެވެ.

މޯހަން ބުނީ، ނިއުރޭޑިއަންޓުގެ ޓާގެޓަކީ އަބަދުވެސް ލީގުގެ އެއްވަނަ ހޯދުން ކަމަށާއި އެއީ ކޮންމެ ކުލަބެއްގައި ވެސް އެކަން އޮންނާނެ ގޮތް ކަމަށެވެ. އަދި މިވަގުތު ޓީމުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ރަނގަޅު ކުޅުންތެރިން ކަމަށާއި އެކުޅުންތެރިންގެ ހަގީގީ ފެންވަރު ފެނިގެން ދާނީ ގަލޮޅު ދަނޑުގައި އެކުޅުންތެރިން ދައްކާ ކުޅުމަކަށް ފަހު ކަމަށެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ނިއުރޭޑިއަންޓުން ވަރަށް ފޯރިޔާ އެކު ތައްޔާރު ވެފައިވާ އިރު، ބޮޑު މެޗަށް އެޓީމް ނިކުނައިރު ސްކޮޑުވެސް މިފަހަރު ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ ނިއަތުގައި، ނިއުއިން ބޮޑު އަގުގައި ގަތް ކުޅުންތެރިންގެ ތެރޭގައި ވީބީއަށް ކުޅުނު އަދި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އާއި ގައުމީ ކީޕަރު އިމްރާން މުހައްމަދާއި ވިކްޓަރީއަށް ކުޅުނު އިބްރާހިމް ފަޒީލް (އޮއްޕޮ) ހިމެނެ އެވެ.

މިއަދުގެ ގެ މެޗަށް ނިކުންނަ އިރު ނިއުގެ އެސިސްޓެންޓް ކޯޗަކަށް ހަމަޖައްސާފައި ވަނީ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ. އަދި މެނޭޖަރަކީ ނިއުގެ ކުރީގެ ޑިފެންޑަރު އަންވަރު އަލީ އެވެ.

މި އަހަރުގެ ސީޒަންގައި ވެސް ނިއުރޭޑިއަންޓުގެ މެއިން ސްޕޮންސާއަކަށް ހަމަޖައްސައިފައި ވަނީ ފާއިތުވި ދެ އަހަރު ވެސް އެކުލަބް ސްޕޮންސަ ކޮށްފައިވާ މައިލޯއާ އެކު އެވެ.

ވީބީއާ ދެކޮޅަށް ނިއު މިރޭ ކުޅޭ މެޗް ފަށާ ގަޑިއަކީ 9:00 ޖަހާއިރު އެވެ.