04 Mar 2023, 15:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިން ގައުމަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން މިއަދު ވަޑައިގަންނަވާނީ ޤަޠަރުގެ ވެރިރަށް ދޯހާއަށެވެ.
އެ މަނިކުފާނު އެ ގައުމަށް ވަޑައިގެން ޤަޠަރުގައި ބާއްވާ، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.
ޤަޠަރަށްފަހު އެ މަނިކުފާނު ސާބިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު ދެ ޤައުމުގެ ސަރުކާރުގެ ދެމެދުގައި އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން ޖަރުމަނުވިލާތަށް ވަޑައިގެން އެ ޤައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސް ޞާލިހް ބޭރުގެ ތިން ގައުމަކަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު މި އަހަރުގެ މިހާތަނަށް ސަރުކާރުން ދަތުރުތަކަށް 27 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.