ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދިނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލުން ކަންކަން ކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ނެރުނު ނޫސްބަޔާނެއްގައި އެ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވަނީ ރެޑްވޭވް ކުންފުންޏަށް ވިލިމާލެއިން ބިމެއް ދޭން އެއްބަސްވެފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެ ކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަދި އެކަމުގައި ކައުންސިލުގެ މަޝްވަރާއަކަށް ވެސް މިހާތަނަށް އައިސްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެ ކަން ދޮގުކޮށް އެ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލިމާލެއިން ރެޑްވޭވަށް ބިމެއް ދޫކުރުމަށް އެއްބަސްވުން ހަދާފައިވަނީ ވެސް އެ ފަދަ ކަންކަން ކުރުމަށް އޮންނަ އުޞޫލުގެ ތެރެއިން ކަމަށެވެ.

އެގޮތުން ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވީހާ ވެސް ގާތުން ވިޔަފާރީގެ ޚިދުމަތް ލިބިދިނުމަށް ބޭނުންވެ، ވިލިމާލޭގައި ކޮމާޝަލް ބިލްޑިން އެއް އެޅުމަށް ބޭނުންވާތީ، އެ ކަމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދަން އިއުލާންކުރެވުނު ކަމަށާއި އަދި އެ ކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް ދިރާސާ ކުރުމަށްފަހު ކައުންސިލަށް އެންމެ ފައިދާހުރި ހުށަހެޅުމެއް ހުށަހަޅާފައިވާ ފަރާތެއް ކަނޑައަޅާފައިވަނީ ކައުންސިލުގެ ބިޑުކޮމެޓީން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ކޮމާޝަލް ބިންލިޑިން އެޅުމަށާއި ވިލިމާލޭގައި ހިންގާ ތަރައްޤީގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އާންމު ބައްދަލުވުމުގައި ބަހުސްކޮށްގެން ކަމަށާއި އަދި އެ ތަންތަނަށް ވިލިމާލެއިން ކަނޑައަޅާފައިވާ ބިންތައް ވެސް ފާސްކޮށް އެ ކަންކަން ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވަނީ، ބައްދަލުވުންތަކުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ކައުންސިލަރުންގެ އިއްތިފާޤުން ކަމަށް ކައުންސިލުން ބުންޏެވެ.

އެ ހުރިހާ ބައްދަލުވުން ތަކުގައި ވެސް ވިލިމާލޭގެ ކައުންސިލަރު ހާޒިރުވެ ބަހުސްގައި ބައިވެރިވެ މި ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ ބައްދަލުވުންތަކުގެ ހާޒިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެހެންވެ، އެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަށް ކައުންސިލަށާއި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް އެ ކައުންސިލުން ގަބޫލުކުރެއެވެ.