އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ނުވަ މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރޭގެ މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އައްސަދު ވެސް ހިމެނޭ ކަމަށެވެ.

ޕީޕީއެމްއިން ބުނި ގޮތުގައި، ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި އެ ޕާޓީގެ ދެ ސެނެޓަރަކާއި އަންހެނުންގެ ގޮފީގެ ދެ މެމްބަރަކު ހިމެނެއެވެ. އަދި، ހުޅުމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރު ސަމިއްޔާ އަބްދުالله ވެސް މުޒާހަރާ ތެރެއިން ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ރޭގެ އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ނުވަ މީހުން ވެސް މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމާ ދެކޮޅަށާއި އިދިކޮޅު ލީޑަރު، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކުރިއަށް ގެންދާ މި މުޒާހަރާތަކުގައި ކޮންމެ ރެއަކު ކަހަލަ ގޮތަކަށް މީހުން ހައްޔަރު ކުރެއެވެ. އެކަމަކު، މާ ގިނައިރުތަކެއް ނުކޮށް ގިނަ ފަހަރަށް އެ މީހުން ދޫކޮށްލައެވެ.