ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވި ޕީޕީއެމްގެ މެންބަރު އަހުމަދު ޝަރީފު އާދަމް މަޖިލީހުގެ މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް މަޖިލީހުގެ ޖަލްސާގައި މިއަދު ވާހަކަފުޅު ދައްކަވައިފި އެވެ.

ޝަރީފް މެންބަރުކަމުގެ ހުވައި ކުރެއްވުން އޮތީ މިއަދު ހެނދުނު 8:30ގައި މަޖިލީހުގެ އިދާރާގަ އެވެ. އެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނާއިބު ރައީސްއަހުމަދު ނާޒިމްގެ އިތުރުން ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ހުވައި ކުރެއްވުމަށް ފަހު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމުން ބައެއް މެންބަރުން ވަނީ ޝަރީފަށް މަރުހަބާ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ މެންބަރުންނާއި އެމްޑީޕީގެ މެންބަރުން ހިމެނި ވަޑައިގަނަންވަ އެވެ.

އެމްޑީޕީގެ ފަރާތުން ޝަރީފަށް މަރުހަބާ ދަންނަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ މެންބަރު ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ޝަރީފަށް އެމްޑީޕީން މަރުހަބަ ކިޔާ ކަމަށާއި މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން ޝަރީފް ރައްޔިތުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ތިމަރަފުށީ ގޮނޑި މިހާތަނަށް ފުރުއްވަމުން ގެންދެވި މުހައްމަދު މުސްތަފާ މަޖިލީހުގައި ރައްޔިތުންނަށް ޓަކައި ކޮށްދެއްވި މަސައްކަތްތަކަށް ވެސް މެންބަރުން އެ މެންބަރުން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަރީފް މެންބަރުކަމުގެ ހުވައި ކުރެއްވުމުން މަޖިލީހުގައި ޕީޕީއެމަށް ގަނޫނީ ހައިސިއްޔަތު ލިބިގެންގޮސްފައިވާ ކަމަށް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޝާޙިދު ވިދާޅުވީ މަޖިލީހަށް ލިބިފައިވާ ލިއުންތަކަށް ބަލާއިރު މަޖިލީހުގައި އަދި އިންނެވި ޕީޕީއެމްގެ އެންމެ މެންބަރެއް ކަމަށާއި ކަމާ ބެހޭ ލިއުންތައް ޕީޕީއެމުން މަޖިލީހަށް ފޮނުއްވުމުން އެ ޕާޓީ އަށް ނިސްބަތްވެވަޑައިގަންނަވާ އެހެން މެންބަރުންގެ ކަންތައް މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެމަތިން ހަމަޖެހިގެންދާނެ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޝަރީފު ކާމިޔާބު ކުރެއްވީ އެ ދާއިރާގެ ކުރީގެ މެމްބަރު މުހަންމަދު މުސްތަފާއާ ވާދަކުރައްވައިގެން 429 ވޯޓުގެ ބޮޑުތަފާތަކުންނެވެ. ޝަރީފަށް 1،756 ވޯޓު ލިބިވަޑައިގެންނެވިއިރު މުސްތަފާ އަށްލިބިވަޑައިގަތީ 1،327 ވޯޓެވެ.