04 Mar 2023, 14:46
ޖަޒީރާވަންތަ ރާއްޖެއެއް ބިނާކުރުމަށްޓަކައި އެންމެ މުހިއްމީ ފަންނީ ގާބިލު ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުން ކަމަށާއި ސަރުކާރުން މަސައްކަތްތެރިންނަށް ޚާއްސަ ސަމާލުކަމެއް ދޭކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ(އެމްއައިޓީ) ގުޅިގެން ބޭއްވި ސްކިލްޑް ސަޓިފިކޭޓް އެވާޑީން ސެރަމަނީ ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީން މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި އެމްއައިޓީއަކީ ވަރަށް ޚާއްސަ ބައިވެރިއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން ސަރުކާރުން ޓިވެޓުގެ ތައުލީމަށް ދޭ ސަމާލުކަން ހާމަވި ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިދިޔަ ހަފުތާގައި ރާއްޖޭގެ ސަރުކާރުގައި ހުރި ހަމައެކަނި ޓިވެޓްގެ ތައުލީމު ފޯރުކޮށްދޭ މުވައްސަސާ މޯލްޑިވްސް ޕޮލިޓެކްނިކްގެ މުވައްޒަފުންގެ މުސާރަ ވެސް މި ވަނީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑުތަނުން ބޮޑު ކޮށްދެއްވާފައި. އެހެންވީމަ މީގެއިން މި ދައްކުވައިދެނީ މި ދާއިރާއަށް ސަރުކާރުންދޭ އިސްކަމާއި ސަމާލުކަން،" މިނިސްޓަރު ވިދާޅުވިއެވެ.
ދާދި އަވަހަށް ވޮކޭޝަނަލް ދާއިރާއިން މިހާރަށްވުރެ ބޮޑު މަތީ ސަނަދުތައް ލިބޭނެ ގޮތަށް ކަންކަން ބައްޓަންވެގެން ކުރިއަށް ދާނެކަމަށް އުއްމީދު ކުރައްވާ ކަމަށާއި ޑިގްރީ ފެންވަރަށް އެ ދާއިރާއިން ކިޔެވޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތުގެ ތައުލީމާއި ހުނަރަކީ ދުނިޔަވީ އަދި ދުވަހީ ކަންކަމުގައި ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދައިދޭ ކަމެއް ކަމަށާއި މަސައްކަތުގެ ތައުލީމާއި ހުނަރަކީ މެތަމެޓިކްސްއާއި ސައިންސާއި ފިޒިކްސްގެ މައްޗަށް ބިނާވެފައި އޮންނަ ތައުލީމެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދެވެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެ ފަދަ ދާއިރާތަކުން ޑިގްރީ ފެންވަރަށް ދާދި އަވަހަށް ރާއްޖޭގައި ކުރިއަށް ނުދެވޭންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އާދެ އަޅުގަނޑުގެ ވިސްނުން ހުރީ ވެސް އެ ދިމާލަށްކަން އަޅުގަނޑު އުފަލާ އެކު ފާހަގަކޮށްލަން ބޭނުން." މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތުގެ ތައުލީމާއި ހުނަރާއި ތައުލީމަށް ކުރާ އިހުތިރާމް ބޮޑުވާން ޖެހޭ ކަމަށާއި އެ ކަން ފުރިހަމައަށް ކުރެވޭނީ އެ ކަމުގައި އަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.