މަސައްކަތްތެރިން އެ މީހުންގެ ހައްގުތަކުގެ ވާހަކަ ދެއްކީމާ، އަދަބު ދިން ދުވަސް މާޒީވެއްޖެ ކަމަށް އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ)ގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މަސައްކަތްތެރިން އެ މީހުންގެ ހައްގުތަކުގެ ވާހަކަ ދެއްކީމާ އަދަބު ދިން ދުވަސް މިއަދު މާޒީވި ނަމަވެސް އެ ގޮތަށް އެ ކަން ބޭއްވުމަށް، އެންމެންގެ ރޯލު ވެސް ބޮޑު ކަމަށެވެ.

"މަސައްކަތްތެރިން ބޭނުންވާ ކަންކަމުގެ ވާހަކަ ދެއްކީމާ، މަސައްކަތްތެރިންނަށް އަދަބު ދިނުމާ މި ކަންކަމެއް މިއަދަކު މިހާރަކު ނެތް," އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ހޯދާ، ރާއްޖެ ޑިމަކްރަސީގައި މިއަދާ ހަމައަށް ކުރި ދަތުރުގައި މަސައްކަތްތެރިންގެ ރޯލު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، އެ ކަމަށްޓަކައި އޭނާ ވަނީ މަސައްކަތްތެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ.

މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އުފެދުމަށް ފަހުގައި މަސައްކަތް ކުރަމުން އައީ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފައިދާވާނެ ގޮތްތަކެއްގައި ކަމަށާއި އެ ދަތުރުގައި ވަރަށް ބައިވަރު ގޮންޖެހުންތައް ކުރިމަތިވަމުންދާ ކަމަށެވެ. އެގޮތުން، ފުދުންތެރިކަން ހުރި މިންވަރާއި ސިޔާސީ މަޝްރަހަކީ ނިންމުންތައް ނިންމާއިރު ވިސްނަން ޖެހޭ މުހިއްމު ކަންތައްތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރޭޑް ޔޫނިއަންގެ ކޮންގްރެސްގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑުމެން އަދި މި ތިބީ ހަގީގަތުގައި ޑިމަކްރަސީގެ ޅަފަތުގައި. އެއީ، އަދަކު މާދަމައަކު ވެސް މި ބަދަލުވުމަކީ ހަމަ ގާތް ކަމެއް، މިހާރު އަޅުގަނޑުމެންނަށް ލިބިފައި މި އޮތް މިނިވަންކަން އަލުން އަނބުރާ އެހެން ގޮތަކަށް ބަދަލުވުމަކީ ދުރުގައި އޮތް ކަމެއް ނޫން," މިނިސްޓަރު ވިދާޅުވިއެވެ.

މި ހައްގުތައް އެއީ އަސާސީ މިނިވަންކަން ކަމުގައި ހަރުލައި އޮތުމަށް އަދި ދުވަސް ނަގާނެކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ ސިޔާސީ ބޭފުޅުން ހައްގުތަކުގެ ވާހަކަދައްކަނީ އިންތިޚާބުތަކާ ދިމާކޮށް ކަމަށެވެ.

އެކަމަކު، މި ސަރުކާރުން އެންމެ ފުރަތަމަ ވެރިކަމާ ހަވާލުވުމަށް ފަހުގައި އެ ކަންކަން ހައްލު ކުރުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދިން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެ ސިޔާސަތުގެ ދަށުން އެ ހައްގުތަކަކީ އަސާސީ ކަންކަން ކަމަށް މުޖުތަމައުން ގަބޫލު ކުރަން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.