18 Apr 2012, 09:22
ރާމަﷲ (މާޗް 18): ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމަށް އިސްރާއީލު ތަންފީޒު ކުރަމުންގެންދާ ޔަހޫދީ އާބާދީތަކުގެ މަޝްރޫޢަކީ ޣައިރު ޤާނޫނީ މަޝްރޫޢެއް ކަމަށާއި މިމަޝްރޫޢު ހުއްޓާލުމަށް ގޮވާލައި ފަލަސްތީނުގެ ރައީސް މަހްމޫދް ޢައްބާސް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އަށް އިއްޔެ ސިޓީއެއް ފޮނުއްވައިފި އެވެ.
ޢައްބާސްގެ މިސިޓީ ނަތަންޔާހޫގެ އަތްޕުޅަށް އެރުއްވީ ފަލަސްތީނުގެ ޚާއްސަ ވަފްދަކުންނެވެ. މިވަފްދުގެ އިސްބޭފުޅަކަށް ހުންނެވީ ސުލްޙައިގެ ވާހަކަތަކުގައި އިސްކޮށްއުޅުއްވާ ފަލަސްތީނުގެ ތަޖްރިބާކާރު ޑިޕްލޮމޭޓް ޑޮކްޓާ ސާއިބު ޢުރައިޤާތެވެ.
މިސިޓީގައި ޢައްބާސް ވިދާޅުވެފައި ވަނީ ސުލްޙައިގެ ވާހަކަތައް ފެށުމައްޓަކައި ސުލްޙައިގެ ވާހަކަތައް އަލުން ފެށުމައް ޓަކައި އިސްރާއީލުން ޔަހޫދީ އާބާދީތަކުގެ މަޝްރޫޢު ހުއްޓާލަން ޖެހޭ ކަމަށާއި ސުލްޙައާއި ޔަހޫދީ އާބާދީތަކުގެ މަޝްރޫޢަކީ ފުށުއަރާ ދެ މަޝްރޫޢު ކަމުގަ އެވެ. މީގެއިތުރުން އެމެރިކާގެ ބެލުމުގެ ދަށުން ތަންފީޒު ކުރުމަށް 2003 ވަނަ އަހަރު އިސްރާއީލާއި ފަލަސްތީނުން އެއްބަސްވެފައިވާ ސުލްޙައިގެ މަގުޗާޓާ އިސްރާއީލުން ޚިލާފްވެފައިވާ މައްސަލަ އާއި އެ މަގުޗާޓާ ޚިލާފަށް ފަލަސްތީނުގެ ބިންތައް ދާއިމީ ގޮތަކަށް އަތްދަށުލުމަށް ޓަކައި އިސްރާއީލުން ހިންގާ ޢުދުވާނީ ޢަމަލުތައް ވެސް ޢައްބާސްގެ ސިޓީގައި ފާހަގަ ކުރައްވާފައިވެ އެވެ.
ދެހާސް ތިން ވަނަ އަހަރުގައި އިސްރާއީލާއި ފަލަސްތީނުން ސޮއިކުރި ސުލްޙައިގެ މަގުޗާޓްގައި ވަނީ ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކުރިޔަށް ގެންދާ ޔަހޫދީ އާބާދީތަކުގެ މަޝްރޫޢު މުޅިން ހުއްޓާލައި ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ދެއަހަރު ތެރޭގައި އުފެއްދުމެވެ.
ޢައްޞާސްގެ ސިޓީގައި، ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢު އިސްރާއީލުން ހުއްޓާނުލާ ނަމަ ފަލަސްތީނުން އިސްރާއީލާ މުޢާމަލާތްކުރުން ހުއްޓާލައި ސުލްޙައިގެ ވާހަކަތަކާ ދުރަށްދާންޖެހިދާނެ ކަމުގެ އިންޒާރު ވެސް އިސްރާއީލަށް ދީފައިވާ ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ.
ޢައްބާސްގެ މިސިޓީއަށް ފަލަސްތީނުގެ އިދިކޮޅު ޖަމާއަތެއް ކަމަށްވާ ޙަމާސްއިންވަނީ ފާޑުކިޔާފަ އެވެ. ޣައްޒާގައި ވެރިކަންކުރާ ޙަމާސްގެ ސަރުކާރުގެ ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާ ވިދާޅުވީ އިސްރާއީލަށް އާދޭސްކޮށްގެން ފަލަސްތީނުގެ އެއްވެސް ޙައްޤެއްލިބިފައިނުވާކަން ޢައްބާސްއަށް ވިސްނިވަޑައިނުގަންނަވާތީ ހިތާމަ ކުރައްވާ ކަމުގަ އެވެ. އަދި ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށާއި ހައްޤުތައް ހޯދުމަށް އިސްރާއީލަށް އާދޭސްކޮށް ފަހަތުން އިސްރާއީލާއި އެމެރިކާގެ ފަހަތުން ދުވުމުގެ ސިޔާސަތު ފަލަސްތީނުން ހުއްޓާލަން ވެއްޖެކަމުގަ އެވެ.
މީގެބަދަލުގައި އިސްރާއީލުގެ އަޅުފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށާއި ހައްޤުތައް ހޯދުމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތްތައް ގުޅިގެން އައު ސްޓްރެޓެޖީއެއް އެކުލަވާލުމަށް މަސައްކަތް ކުރުމަށް ހަނިއްޔާ ޢައްބާސް އަށް ގޮވާލެއްވިއެވެ.
ޢައްބާސް މިހާރު އުޅުއްވަނީ އޭޝިޔާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. (އަލްޖަޒީރާ+ނޫސްއެޖެންސީތައް)