04 Mar 2023, 08:53
އެކްޓަރު ރާޖް ކުމާރް ރާއޯއާއި ބަތަލާ އަލާޔާ ލީޑް ރޯލްއިން ފެނިގެންދާ ފިލްމު "ސްރީ" ރިލީޒްކުރުން މިއަހަރުގެ ސެޕްޓެމްބަރ 15އަށް ތާވަލުކޮށްފިއެވެ.
ރާޖް ކުމާރް ރާއޯ ވަރުގަދަ ވިޔަފާރިވެރިއެއްގެ ރޯލްއިން ފެންނަ މިފިލްމަކީ، ޓީ-ސީރީސްއާއި އިތުރު އެހެން ކުންފުންޏަކާއި ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ރާޖް ކުމާރްއާއި އަލާޔާގެ އިތުރުން މިފިލްމުން ސައުތް ސިނަމާގެ ހުނަރުވެރި ބަތަލާ ޖޮއިތިކާގެ އެނބުރިއައުން ފެނިގެންދާނެއެވެ. ރާޖްކުމާރު ރާއޯ މިފިލްމުގައި ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު އިންޑަސްޓްރިއަލިސްޓް ސްރިކާންތް ބޯލާގެ ރޯލްއިންނެވެ.
މިފިލްމަކީ ބިޒްނަސް ޓައިކޫން ސްރީކާންތްގެ ޙަޔާތުގެ މައްޗަށް އުފައްދާ ޚާއްޞަ ބަޔޯޕިކްއެކެވެ. ސްރިކާންތްއަކީ އިންޑިއާގެ މަޝްހޫރު ކުންފުނި ބޮލެންޓް އިންޑްސްޓްރީގެ އެންމެ އިސްވެރިޔާއެވެ. މިކުންފުންޏަކީ، ތިމާވެށްޓާއި ރައްޓެހި ކަރުދާސް އުފައްދާ ކަރުދާސް ބޭނުންކޮށްގެން ތައްޔާރުކުރާ އުފެއްދުންތަކަށް ޚާއްޞަ ކުންފުންޏެކެވެ. ޓީ-ސީރީސްގެ ފިލްމު "ސްރީ"ގައި ދައްކުވައިދޭނީ ބޮލެންޓް އިންޑަސްޓްރީ ވުޖޫދަށް ގެނައުމަށް ވިޔަފާރިވެރިޔާ ސްރީކަންތް ކުރި ތަޖުރިބާތަކެވެ. މިވާހަކަ ޚާއްޞަވާ އެންމެ މުހިއްމު އެއް ސަބަބަކީ، ސްރިކާންތްއަކީ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތަކަށްވެފައި އެންމެ ކުޑައިރުއްސުރެވެސް ދިމާވި ގޮންޖެހުންތަކާއެކު ކާމިޔާބީއާ ހަމައަށް ސްރީކާންތްއަށް ވާޞިލުވުމުގައި ދެއްކި ނަމޫނާ ފުރިހަމަވުމެވެ.
ޕްރޮޑިއުސަރު ބޫޝަން ކުމާރު ބުނީ މިފަދަ ވާހަކައެއް ސިނަމާއަށް ގެނެސްދެވުމަކީ ގިނަބަޔަކަށް މިވާހަކައިން ހިތްވަރު ލިބޭނެކަމެއްކަމުގައި ޤަބޫލުކުރާ ކަމުގައެވެ. އަދި ސްރީކާންތްގެ ރޯލް އެންމެ ފުރިހަމައަށް އަދާކުރެވޭނީ ރާޖް ކުމާރް ރާއޯފަދަ ހުނަރުހުރި އެކްޓަރަކަށްކަމުގައެވެ.
ވަރަށް ތަފާތު ޙާދިސާތައް ކިޔައިދޭ ފިލްމުތަކުން ފެނިފައިވާ ހުނަރުވެރި އެކްޓަރު އެންމެ ފަހުން ފެނިގެންދިޔައީ ވަސަން ބާލާގެ "މޮނިކާ، އޯމައި ޑާލިންގް"އިންނެވެ. މީގެއިތުރުން ވަރުން ދަވަންއާއި ބަތަލާ ކްރިތީ ސެނޮންގެ ފިލްމު "ބޭޅިޔާ"ގެ ޚާއްޞަ ރޯލަކުންވެސް ރާޖް ކުމާރު ރާއޯވަނީ ފެނިފައެވެ.